ކޮންމެ މީހަކާ ވެސް ބައްދަލުކުރާނެ އެންމެ ހިތްދަތި އަދި ވޭންދެނިވި ވަގުތަކީ މަރުގެ ވަގުތު ކަމަށް ވާއިރު، އެ ވަގުތަށް ތައްޔާރުވެ ހެޔޮ އަމަލުތައް ގިނަކުރުމަށް މިއަދުގެ ހުކުރު ހުތުބާގައި ނަސޭހަތްތެރިވެއްޖެ އެވެ. އަދި މަރަކީ އެކަކަށް ވެސް ފިލައިގެން ދެވޭނެ ކަމެއް ނޫންކަން ވަނީ ހަނދާންކޮށްދީފަ އެވެ.
ހުތުބާގައި ބުނެފައިވަނީ މަރަކީ ކޮންމެ އިންސާނަކު ވެސް ކުރިމަތިލާން މަޖުބޫރު ހަގީގަތެއް ކަމަށެވެ. އެކަމާ މެދު އެއްވެސް މީހެއްގެ މެދުގައި ހިޔާލުތަފާތުވުމެއް ނެތްއިރު، މާތްﷲ މަރަށް ދީފައިވާ ނަމަކީ "ޔަގީން" ކަން ވެސް މިއަދުގެ ހުތުބާގައި ފާހަގަކުރި އެވެ.
ދުނިޔޭގައި ކިތަންމެ މުދަލަކާއި ފައިސާއެއް އެއްކުރި ނަމަވެސް، އަދި ކިތަންމެ ބޮޑު ވިޔަފާރިއަކާއި އުފާވެރި ދިރިއުޅުމެއް އުޅެމުން ދިޔަސް އެ ހުރިހާ ކަމެއް ދޫކޮށްދާން ޖެހުމަކީ އިންސާނާއަށް އޮތް އެންމެ ބޮޑު އިމްތިހާނެވެ. އެއީ ލޯބިވާ އަނބިދަރިންނާއި މައިންބަފައިންގެ ލޮލުން ކަރުނަ އަޅަމުންދާ ވަގުތު ކަމަށް ހުތުބާގައި ބުނެފައިވެ އެވެ.
"މަރުން ރެކިގަނެވޭނޭ ހަމަ އެކަކު ވެސް ނުވޭ. އެއީ ކިތަންމެ އާރާއި ބާރެއްގެ ވެރިއެއްކަމުގައި ވިޔަސް، އޭނާގެ ގާތަށް މަރު އަންނާނެ. ދުނިޔޭގެ ރަސްރަސްކަލުންގެ ގަނޑުވަރުތަކުގައި އެތައް ބަޔަކު ފާރަވެރިވެ، އެ މީހުން ހިމާޔަތްކުރުމަށް ތިބޭ. އެކަމަކު މަލަކުން މައުތު އެ ގަނޑުވަރަށް ވަދެވަޑައިގަންނަވާނީ އެއްވެސް ހުއްދައެއް ނެތި،" މިއަދުގެ ހުތުބާގައި ބުނެފައިވެ އެވެ.
އެހެންކަމުން މަރުގެ މަލާއިކަތާ ވަޑައިގަންނަވާނެ ވަގުތެއް އެއްވެސް މީހަކަށް ނޭނގޭނެ ކަމަށާއި، ޑޮކްޓަރުންނާއި ސިއްހީ ވަސީލަތްތައް ބޭނުންކޮށްގެން ފުރާނަ ސަލާމަތްކުރަން އުޅުނު ނަމަވެސް އެކަން ކާމިޔާބު ނުވާނެކަން ވަނީ ހަނދާންކޮށްދީފަ އެވެ.
މަރުވާނެކަން ކަށަވަރުވެފައި ވާއިރު، އެ ދުވަހާ ކުރިމަތިލުމަށްޓަކައި ނުބައި ކަންކަމުން ދުރުހެލިވެ، ގިނަގިނައިން މަރު ހަނދާންކުރުމަށް ހުތުބާގައި ވަނީ ގޮވާލާފަ އެވެ. އަދި އާހިރަތުގެ ބާއްޖަވެރިކަން ހޯދުމަށް ގިނަގިނައިން ހެޔޮ އަމަލު ކުރުމަށް ވެސް ވަނީ ނަސޭހަތްތެރިވެފަ އެވެ.
