މާލޭގެ ފިހާރައަކުން ފޭކު ސްލިޕެއް ދައްކައިގެން ބޮޑު އަދަދަކުން ވިޔަފާރިކުރި ދެ އަންހެނަކު ހޯދުމުގެ މަސައްކަތް ފަށައިފިއެވެ. މި ދެ މީހުން ހޯދަމުން ދަނީ ނިއު އެޑިޝަން ފިހާރައިން އަށްހާސް ހަތްސަތޭކަ ރުފިޔާއަށް ވުރެ ގިނަ ރުފިޔާގެ މުދާ ގަތުމަށް ފަހު، ފައިސާ ދެއްކިކަމަށް ހަދައި އޮޅުވާލާފައި ވާތީއެވެ.

މި މައްސަލައާ ގުޅިގެން ނިއު އެޑިޝަނުން ސޯޝަލް މީޑިއާގައި އާންމުކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު، މި ދެ އަންހެނުން ވަނީ 8،788 ރުފިޔާގެ ވިޔަފާރިއެއް އެ ފިހާރައިން ކޮށްފައެވެ. އަދި ފައިސާ ދެއްކިކަން ސާބިތުކޮށްދިނުމުގެ ގޮތުން ފިހާރައިގެ ކައުންޓަރަށް ދައްކާފައިވަނީ ސައްހަ ނޫން ފޭކު ސްލިޕެކެވެ.

ފިހާރައިން އާންމުކޮށްފައިވާ ސީސީޓީވީ ފުޓޭޖުން ފެންނަ ގޮތުގައި، މީގެ ތެރެއިން އެއް އަންހެނަކު ހުރީ ކަޅު ކުލައިގެ ބުރުގާއެއް އަޅައިގެން ލޯ އެކަނި ފެންނަ ގޮތަށް މޫނު ނިވާކޮށްގެންނެވެ. އޭނާ ލައިގެން ހުރީ ހުދު ކުލައިގެ ޓީޝާޓަކާއި ކަޅު ޖިންސެކެވެ. ފިހާރަ ތެރޭގައި އުޅުނު އިރުވެސް އޭނާ ހުރީ މޫނު ނުފެންނާނެހެން އަތް އަޅައިގެންނެވެ. ދެން ހުރި އަންހެން މީހާ ހުރީ ބުރުގާ ނާޅައެވެ. އޭނާ ލައިގެން ހުރީ ރަތް ކުލައިގެ އަތްދިގު ޓޮޕަކާއި ކަޅު ޖިންސެކެވެ.

ވީޑިއޯއިން ފެންނަ ގޮތުގައި ފިހާރައިގެ ކައުންޓަރަށް ފޭކު ސްލިޕް ދައްކަނީ މޫނު ނިވާކޮށްގެން ހުރި އަންހެން މީހާއެވެ. އޮޅުވާލައިގެން މި ދެ މީހުން ގަތް ހުރިހާ މުދަލެއް ތިން ކޮތަޅަކަށް އަޅާފައިވާއިރު، ފިހާރައިން ނުކުމެގެން ދިޔައިރު އެ ތިން ކޮތަޅު ހިފައިގެން ދިޔައީ ބުރުގާ ނާޅާ ހުރި އަންހެން މީހާއެވެ.

މި އަމަލު ހިންގި ދެ މީހުން ދެނެގަތުމަށް ފިހާރައިން ވަނީ އާންމުންގެ އެހީތެރިކަމަށް އެދިފައެވެ. އަދި މި ދެ މީހުން ހޯދައިދިން ފަރާތަކަށް ރަނގަޅު އިނާމެއް ދޭނެކަމަށް ވެސް ނިއު އެޑިޝަނުން ބުންޏެވެ. މިކަމާ ގުޅޭގޮތުން ފުލުހުންގެ ބަހެއް އަދި ލިބޭ ގޮތެއް ނުވެއެވެ.