މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން އަލަށް ތައާރަފުކުރި "މާލެ ޓެކްސީ ލައިން" ގެ ހިދުމަތުގެ ފުރަތަމަ ހަފުތާގައި އެއްވެސް އަގަކާ ނުލައި ހިލޭ ދަތުރުކުރެވޭނެ ކަމަށް އެ ކުންފުނިން ބުނެފިއެވެ.
އެމްޓީސީސީން ބުނި ގޮތުގައި، އާރްޓީއެލް ފެރީގެ ހިދުމަތް ވެސް ފެށިއިރު އަމަލުކުރި އުސޫލުން، މި ޓެކްސީ ލައިންގެ ފުރަތަމަ ހަފުތާ ހާއްސަކޮށްފައިވަނީ އާންމުންނަށް ހިދުމަތް ތަޖުރިބާކުރުމަށެވެ. މީގެ މައިގަނޑު ބޭނުމަކީ ރައްޔިތުންގެ ހިޔާލު ހޯދުމާއި، ހިދުމަތުގައި ރަނގަޅުކުރަން ހުރި ކަންކަން ދެނެގަތުމެވެ.
ހިދުމަތް ހޯދާނެ ގޮތް
މި ތަޖުރިބާ ހަފުތާގައި ޓެކްސީ ހޯދުމަށް ގުޅަންޖެހޭނީ މާލެ ޓެކްސީ ލައިންގެ ހޮޓްލައިން ނަންބަރު 1655 އަށެވެ. މި ވަގުތު ޓެކްސީ ނެގޭނީ ހަމައެކަނި މި ނަންބަރު މެދުވެރިކޮށެވެ.
ތަޖުރިބާ ހަފުތާއަށް ފަހު، ވެބް އެޕްލިކޭޝަން (maletaxi.web.app) މެދުވެރިކޮށް ކާރު ނެގޭނެ އިންތިޒާމު ހަމަޖެހިގެންދާނެއެވެ. އަދި މި ހިދުމަތަށް ހާއްސަ މޮބައިލް އެޕްލިކޭޝަނެއް ތައްޔާރުކުރުމުގެ މަސައްކަތް ވެސް އެމްޓީސީސީން ދަނީ ކުރަމުންނެވެ.
ތިމާވެއްޓާ ރައްޓެހި 150 ކާރު
ރަސްމީކޮށް މިހާރު ފަށާފައިވާ މި ޓެކްސީ ލައިންގައި ބޭނުންކުރާނީ 100 ޕަސެންޓް ތިމާވެއްޓާ ރައްޓެހި އުޅަނދުތަކެކެވެ. މި ހިދުމަތް ދިނުމަށް ޖުމްލަ 150 އިލެކްޓްރިކް ކާރު މާލެ ގެނެސްފައިވާއިރު، މީގެ ތެރޭގައި ތިން ސައިޒެއްގެ އުޅަނދު ހިމެނެއެވެ. މިއީ 24 ގަޑިއިރު މެދުކެނޑުމެއް ނެތި އާންމުންނަށް ލިބޭނެ ހިދުމަތެކެވެ.
މާލޭގައި ޓެކްސީ ހޯދުމަކީ ޒަމާނުއްސުރެ އާންމުން އުފުލަމުންދާ ވަރަށް ބޮޑު ތަކުލީފެކެވެ. އެހެންކަމުން، ރައީސުލްޖުމްހޫރިއްޔާގެ އިސްނެންގެވުމުގެ މަތިން މި ހިދުމަތް ފަރުމާކުރެވިގެން ދިޔައީ، ޓެކްސީގެ ދަތިކަމަށް ވަށާޖެހޭ ހައްލެއް ހޯދައިދީ، ރައްޔިތުންނަށް ފަސޭހައިން ޓެކްސީ ލިބޭނެ މަގު ތަނަވަސްކޮށްދިނުމަށެވެ. އަދި މިއީ ޓެކްސީ ހިދުމަތުގެ ފެންވަރު އިތުރަށް ރަނގަޅުކުރުމަށް އެޅުނު ވަރަށް މުހިންމު ފިޔަވަޅެއް ކަމަށް އެމްޓީސީސީން ފާހަގަކުރެއެވެ.
