މިހާރަކަށް އައިސް އަޅުގަނޑުމެންގެ ތެރޭގައި ބަރުދަންލުއިކުރުމަށްޓަކައި ތަފާތު އެކިވައްތަރުގެ ޑައިޓް ނަގާ މީހުން ވަރަށް ގިނައެވެ. އަޅުގަނޑުމެންގެ ދިރިއުޅުމުގެ ވައްޓަފާޅި ހުންނަ ގޮތުން ބަރުދަންލުއިކުރުމަކީ ގިނަމީހުންނަށް ވަރަށް އުނދަގޫ ކަމެކެވެ. ޙާއްސަކޮށް ބުރަކޮށް އޮފީހުގައި އުޅެމުން ވަކި ޙާއްސަ ޑައިޓެއް ނެގުމަކީ ގިނަމީހުނަށް އުނދަގޫ ކަމެކެވެ. ނަމަވެސް މިފަހަރު މިއޮތީ އަވަހަށް ކުޑަދުވަސްކޮޅެއްގެ ތެރޭގައި ބަރުދަން ލުއިކޮށްލަން ބޭނުންވާ މީހުނަށް ރަނުގެ ފުރުސަތެކެވެ.
މިލިޓަރީ ޑައިޓަކީ ކޮބާ؟
މިލިޓަރީ ޑައިޓް ނުވަތަ 3 ދުވަހުގެ ޑައިޓަކީ އަވަހަށް ބަރުދަން ލުއިކޮށްދޭ ހަފްތާއެއްގެ ތެރޭގައި 4 ނުވަތަ 5 ކިލޯ ލުއިކޮށްލެވޭ ޑައިޓް ޕްރޮގްރާމެކެވެ. މިޑައިޓަކީ އެމެރިކާގެ މިލިޓަރީ ނިއުޓްރިޝަނިސްޓެއް އެތަނުގެ ސިފައިންގެ އޮފިސަރުން އަވަހަށް ކުޑަދުވަސްކޮޅެއްގެ ތެރޭގައި ބަރުދަންލުއިކޮށް ބޭނުންވާ ބައްޓަމަކަށް ގެނައުމަށްޓަކައި ތައްޔާރުކޮށްފައި ޚާއްސަ ޑައިޓްޕްލޭނެކެވެ. މިޑައިޓް ބެހިގެންވަނީ ދެބަޔަށެވެ. އެގޮތުން ފުރަތަމަ ބައިގައި ހިމެނެެނީ ވަކިވައްތަރެއްގެ ކާނާއެއް ޑައިޓްޕްލޭނާއި އެއްގޮތަށް 3 ދުވަހު ކެއުމެވެ. އަދި ދެވަނަ ބައިގައި، ޖެހިގެން އަންނަ 4 ދުވަހު އެމީހަކު ބޭނުންއެއްޗެއް ކާންވީއެވެ. ނަމަވެސް މިދެންނެވުނު 4 ދުވަހުވެސް ހަށިގަނޑަށްފައިދާ ހުރި ކާނާއާއި ކެލޮރީމަދު ކާނާ ބޭނުންކުރެވިދާނެއެވެ. މިގޮތަށް އެމީހަކު ބޭނުންވާ ވަރަށް ބަރުދަން ލުއިވަންދެން މިޑައިޓް ތަކުރާރު ކުރެވިދާނެއެވެ.
ޑައިޓް ޕްލޭން
ފުރަތަމަ ދުވަސް (މިލިޓަރީ ޑައިޓް ފަށާ ފުރަތަމަ ދުވަހު ކާންޖެހޭނީ 1400 ކެލޯރީގެ ކާނާއެވެ.)
ހެނދުނުސައި
ބްރައުން ބްރެޑް ފޮއްޗެއް (ޓޯސްޓް)، ދެސަމުސާ ޕީނަޓް ބަޓަރ އާއި އެކު. ގްރޭޕްފްރުޓެއްގެ އެއްބައި އަދި ހަކުރުނާޅާ ސައި ނުވަތަ ކޮފީ ތައްޓެއް.
މެންދުރު ކެއުން
ބްރައުން ބްރެޑް ފޮއްޗެއް (ޓޯސްޓް)، ބައި ޖޯޑުގެ ކަނޑުމަސް، ހަކުރުނާޅާ ސައި ނުވަތަ ކޮފީ ތައްޓެއް.
ރޭގަނޑު ކެއުން
3 އައުންސް (85ގްރާމް)ގެ މަސްކޮޅެއް (ކަނޑުމަސް، ކުކުޅުމަސް ނުވަތަ ގެރިރިމަސް) ބައި ޖޯޑުގެ ބީންސް އާއިއެކު. އާފަލެއް، ދޮންކެޔޮވަކެއްގެ އެއްބައި އަދި އެއްތަށި ވެނީލާ އައިސްކްރީމް.
ދެވަނަ ދުވަސް (މިލިޓަރީ ޑައިޓްގެ ދެވަނަ ދުވަހު ކާންޖެހޭނީ 1200 ކެލޯރީގެ ކާނާއެވެ.)
ހެނދުނުސައި
ބްރައުން ބްރެޑް ފޮއްޗެއް (ޓޯސްޓް)، ކެއްކި ބިހެއް، ދޮންކެޔޮވަކެއްގެ އެއްބައި އަދި ހަކުރުނާޅާ ސައި ނުވަތަ ކޮފީ ތައްޓެއް.
މެންދުރު ކެއުން
ކެއްކި ބިހެއް، އެއްޖޯޑް ކޮޓެޖް ޗީޒް، 5 ލޮނު ބިސްކޯދު އަދި ހަކުރުނާޅާ ސައި ނުވަތަ ކޮފީ ތައްޓެއް.
ރޭގަނޑު ކެއުން
ދެ ސޮސެޖް، އެއްޖޯޑު ބްރޯކްލީ އަދި ބައި ޖޯޑު ކެރެޓް، ދޮންކެޔޮވަކެއްގެ އެއްބައި އަދި ބައިތަށި ވެނީލާ އައިސްކްރީމް.
ތިންވަނަ ދުވަސް (މިލިޓަރީ ޑައިޓްގެ ތިންވަނަ ދުވަހު ކާންޖެހޭނީ 1100 ކެލޯރީގެ ކާނާއެވެ.)
ހެނދުނުސައި
1 އައުންސް ޗެޑަރ ޗީސް ސްލައިސްއެއް، 5 ލޮނު ބިސްކޯދު، އާފަލެއް އަދި ހަކުރުނާޅާ ސައި ނުވަތަ ކޮފީ ތައްޓެއް.
މެންދުރު ކެއުން
ބްރައުން ބްރެޑް ޕާންފޮއްޗެއް (ޓޯސްޓް)، ކެއްކި ބިހެއް އަދިހަކުރުނާޅާ ސައި ނުވަތަ ކޮފީ ތައްޓެއް.
ރޭގަނޑު ކެއުން
އެއްޖޯޑުގެ ކަނޑުމަސް، ދޮންކެޔޮވަކެއްގެ އެއްބައި އަދި އެއްތަށި ވެނީލާ އައިސްކްރީމް.
މި ޑައިޓްގެ ފުރަތަމަ ބައިގައި (ފުރަތަމަ ތިން ދުވަސް) ދުވާލަކު މިދެންނެވުނު ތިންއިރު ކެއުން ފިޔަވައި އިތުރު އެެއްވެސް އެއްޗެއް ކެއުމަކީ އެދެވިގެންވާ ކަމެއް ނޫނެވެ. އަދި ދެވަނަބައިގައި ތިންއިރު ކެލޮރީދަށް ކާނާ ކެއުމަށާއި، ހަކުރު އަދި ފޮނި ކާއެއްޗެހި އެއްގޮތަކަށްވެސް ބޭނުންނުކުރުން އެދެވިގެންވެއެވެ. ނަމަވެސް މިހަތަރު ދުވަހު ތިންއިރު ކެއުމުގެ އިތުރުން ލުއިކާނާގެ ބާވަތެއް ދުވާލަކު ދެފަހަރު ބޭނުންކުރެވިދާނެއެވެ.
މި ޑައެޓްގެ އެހީގައި 2016 ވަނަ އަހަރު ޕަމެލާ އެޑަމްސް 10 ދުވަސް ތެރޭގައި 10 ޕައުންޑް ބަރުދަން ލުއިކުރިއެވެ. އަދި 2014 ވަނަ އަހަރު ޖޯން ސަލްޒަރ މި ޑައިޓްގައި ބުނާ ފަދައިން ކެއުން ބަހައްޓައިގެން 3 ދުވަސް ތެރޭގައި 10 ޕައުންޑްގެ ބަރުދަން އޭނާގެ ހަށިގަނޑުން ލުއިކޮށްލިއެވެ.
މި ޑައިޓްގައި ފާހަގަ ކުރެވޭ ރަގަޅު ކަންތައް
މިއީ ގިނަބަޔަކަށް މީގެ ރަގަޅު ފައިދާ ލިބިފައިވާ ޑައެޓެކެވެ. ޑައިޓް ރޭވިފައިވަނީ ކުރު މުއްދަތެއްގައި ބަރުދަން ލުއިކޮށްލުމަށް އެހީތެރިވެވޭނެ ފަދަ ކެއުން ހިމަނައިގެނެވެ.
މިލިޓްރީ ޑައެޓްގެ އަނދިރި ފަރާތް
މި ޑައެޓްގައި ހިމެނެނީ ވަރަށް މަދުން ހަކަތައް ލިއްބައިދޭ ކާނާއެވެ. އެހެންކަމުން މިއީ ސިއްޙަތަށް ފައިދާ ހުރި ޑައެޓެއް ކަމަކަށް ނުބެލެވެއެވެ. ކުއްލިއަކަށް މިފަދަ ޑައެޓެއް ކުރަން ފަށާނަމަ، ގައިގެ ހަކަތަ މަދުވެ ވަރުބަލިވާ ގޮތްވެދާނެއެވެ. މިއީ ބަރުދަން ލުއިކޮށްދޭނެކަމަށް ސައިންޓިފިކް އެއްވެސް ހެއްކެއް ފެންނަން އޮތް ޑައެޓެއް ނޫނެވެ. އަދި މިއީ ދިގު މުއްދަތަކަށް ކުރިއަށް ގެންދަން އުނދަގޫ ޑައެޓަކަށް ވުމުން ޑައެޓް ހުއްޓާލުމާއި އެކު ލުއިވި ބަރުދަން އަލުން އިތުރު ވުމުގެ ފުރުސަތު އޮވެއެވެ.
ޑައެޓް ކުރާ މީހުންގެ ހަނދާނުގައި ބަހައްޓަން ޖެހޭ އެންމެ މުހިންމު ނުކުތާއަކީ، ކުއްލިއަކަށް ބަރުދަން ލުއިވާނަމަ އެންމެ ފުރަތަމަ ލުއިވެގެން އެދަނީ ހަށިގަނޑުގައިވާ ފެންބައި ކަމެވެ. ތަޖުރިބާކާރުން ހާމަކުރާ ގޮތުގައި ހަށިގަނޑުން ދުވާލަކު 5 ޕައުންޑް ގެ ފެން މަދުކޮށްލެވިދާނެއެވެ. އޭގެ މާނައަކީ ޑައިޓް ނިމިގެން ދިޔާ އެއްޗެހި ބޯން ފެށުމުން ހަށިގަނޑުން މަދުވި ފެން އަލުން ހަށިގަނޑަށް ވާނެއެވެ. މިއީ އަލުން ބަރު ވުމެއް ނޫނެވެ. ޑައެޓްގެ ތެރެއިން ހަށިގަނޑުން ސަރުބީގެ ބަދަލުގައި ފެން މަދުވުމުން މިހެން މިކަން ދިމާވާނެއެވެ.
