މިއަދު ކުރިއަށްދާ ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބުގައި ވޯޓުލާން ފެށިތާ ފުރަތަމަ ދެ ގަޑިއިރުގެ ތެރޭގައި 21 ޕަސަންޓު މީހުން ވޯޓުލައިފިއެވެ.

އިލެކްޝަންސް ކޮމިޝަނުން އާންމުކުރި އެންމެ ފަހުގެ މައުލޫމާތުތަކުން ދައްކާ ގޮތުގައި މިއީ މިއަދު މެންދުރު 12:00 އާ ހަމައަށް ލިބިފައިވާ ނަތީޖާއެވެ.

ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ތެރެއިން މެންދުރާ ހަމައަށް ޖުމުލަ 62،083 މީހުން ވަނީ ވޯޓުލާފައެވެ. އީސީން ބުނި ގޮތުގައި މީގެ ތެރޭގައި ހިމެނެނީ 28،838 އަންހެނުންނާއި 33،245 ފިރިހެނުންނެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިއަދު ކުރިއަށްދާ މި އިންތިހާބުތަކަށް ޖުމުލަ 588 ވޯޓު ފޮށި ވަނީ ބަހައްޓާފައެވެ. އަދި މި އިންތިހާބުގައި އެކި ޕާޓީތަކުންނާއި އަމިއްލަ ގޮތުން ޖުމުލަ 2،961 ކެންޑިޑޭޓުން އަންނަނީ ވާދަކުރަމުންނެވެ.

ކެންޑިޑޭޓުންގެ ތަފްސީލަށް ބަލާއިރު، ލޯކަލް ކައުންސިލް އިންތިހާބުގައި 1،593 ކެންޑިޑޭޓުން ވާދަކުރެއެވެ. އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބަށް 1،368 ކެންޑިޑޭޓުން ނުކުމެފައިވެއެވެ. އީސީން ބުނި ގޮތުގައި މި އިންތިހާބުގައި އެންމެ ގިނަ ކެންޑިޑޭޓުން ވާދަކުރަނީ ވެރިކަންކުރާ ޕީއެންސީންނެވެ. އެ ޕާޓީން އެކަނިވެސް 1،322 ކެންޑިޑޭޓުން ނެރެފައިވެއެވެ.

މިއަދުގެ އިންތިހާބަށް ތައްޔާރުވުމުގެ ގޮތުން އިލެކްޝަންސް ކޮމިޝަނުން ވަނީ ބޮޑެތި އިންތިޒާމުތަކެއް ހަމަޖައްސާފައެވެ. އެ ކޮމިޝަނުން ބުނި ގޮތުގައި މި އިންތިހާބުތަކަށް 888،845 ވޯޓު ކަރުދާސް ވަނީ ނޮވެލްޓީ ޕްރިންޓާސް މެދުވެރިކޮށް ޗާޕުކޮށްފައެވެ.