އައްޑޫ ސިޓީއާ 2،553 ކިލޯމީޓަރު ދުރުން، ކަނޑުގެ އަޑިއަށް މިއަދު ހެނދުނު ބާރުގަދަ ބިންހެލުމެއް އަތުވެއްޖެއެވެ. ނަމަވެސް، މި ބިންހެލުމުގެ ސަބަބުން ރާއްޖެއަށް އެއްވެސް ނުރައްކަލެއް ނެތް ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން ވަނީ ބުނެފައެވެ.
މެޓް އޮފީހުން ބުނި ގޮތުގައި، މިޑް އިންޑިއަން ރިޖު ސަރަހައްދަށް މި ބިންހެލުން އައިސްފައިވަނީ މިއަދު ހެނދުނު 9:55 ހާއިރުއެވެ. މި ބިންހެލުން ރެކޯޑުކުރެވިފައިވަނީ 5.3 މެގްނިޓިއުޑްގެ ބާރުމިނުގައެވެ.
އެމެރިކާގެ ޖިއޯލޮޖިކަލް ސާވޭ (USGS) އިން އާންމުކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު، މި ބިންހެލުން އުފެދިފައިވަނީ ކަނޑުގެ 10 ކިލޯމީޓަރު އަޑިންނެވެ. އަދި އެ އިދާރާއިން މި ބިންހެލުމުގެ ބާރުމިން މިއަދު ހެނދުނު 10:00 ޖަހަން އުޅެނިކޮށް 5.5 މެގްނިޓިއުޑްގައި ރެކޯޑުކޮށްފައިވާ ކަމަށްވެސް މައުލޫމާތު ލިބެއެވެ.
ރާއްޖެއާ ދުރުން ކަނޑުގެ ސަރަހައްދުތަކަށް މީގެ ކުރިންވެސް މިފަދަ ބިންހެލުންތައް އައިސްފައިވެއެވެ. އެހެންނަމަވެސް، މިފަދަ ބިންހެލުންތަކުގެ ސީދާ ނުރައްކާ ރާއްޖެއަށް ނުކުރާނެ ކަމުގެ ޔަގީންކަން މެޓް އޮފީހުން ވަނީ އާންމުންނަށް ދީފައެވެ.
