މާލޭގެ ނޯތު ހާބަރުގައި އޮތް ބޯޓެއްގެ ތެރޭގައި ހަބަރު ހުސްވެފައި ތިއްބާ ފެނުނު ފަސް މީހެއްގެ ހާލު މިހާރު ރަނގަޅުވަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ. މި މީހުންނަށް މިހާރު އަންނަނީ އައިޖީއެމްއެޗްގައި ފަރުވާދެމުންނެވެ.
ފުލުހުންނަށް މި ހާދިސާގެ ރިޕޯޓު ލިބިފައިވަނީ މިއަދު (4 އޭޕްރީލް 2026) ހެނދުނު 6:35 ހާއިރުއެވެ. އެ ބޯޓުގެ ތެރޭގައި ހަބަރު ހުސްވެފައިވަނިކޮށް ފެނިފައިވަނީ ހަތަރު ބިދޭސީންނާއި ދިވެއްސެކެވެ. މިއީ ހުސް ފިރިހެނުންނެވެ.
މިހާތަނަށް ފުލުހުން ކުރި ތަހުގީގުން އެނގިފައިވާ ގޮތުގައި، މި ހާދިސާ ހިނގަން މެދުވެރިވި ކަމަށް ބެލެވެނީ އެ މީހުން ނިދާފައި ތިބި ބަންދު ތަނެއްގައި ޖަނަރޭޓަރެއް ހިންގާފައި ހުރުމުންނެވެ. އެ ޖަނަރޭޓަރުން ބޭރުވި ވިހަ ދުމުގެ އަސަރު ކުރުމުގެ ސަބަބުން އެ މީހުންގެ ހަބަރު ހުސްވީ ކަމަށް ފުލުހުން ބުންޏެވެ.
ޖަނަރޭޓަރުން ބޭރުވާ ދުމަކީ ފުރާނައަށް ނުރައްކާވާ ފަދަ ވިހަ އެއްޗަކަށް ވާއިރު، މިފަދަ ނުރައްކާތެރި ހާދިސާތައް ތަކުރާރުވިޔަ ނުދިނުމަށްޓަކައި ފުލުހުން ވަނީ އާންމުންނަށް މުހިންމު އިލްތިމާސްތަކެއް ކޮށްފައެވެ. އެގޮތުން، ބޯޓުފަހަރުގައި މީހުން ނިދަން ނުވަތަ އަރާމުކުރަން ހަދާފައި ހުންނަ ތަންތަނަކީ ވައި ދައުރުވާނެ ރަނގަޅު ނިޒާމެއް ހުންނަ ތަންތަނަށް ހެދުމަށް ފުލުހުން ވަނީ އެދިފައެވެ.
އޭގެ އިތުރުން، އެއްވެސް ވަރަކަށް ވައި ދައުރުނުވާ ގޮތަށް ބަންދުކޮށްފައި ހުންނަ ތަންތަނުގައި ޖަނަރޭޓަރު ފަދަ ވިހަ ގޭސް ބޭރުވާ ތަކެތި ބޭނުން ނުކުރުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ފުލުހުން ވަނީ އަންގާފައެވެ.
