މީހުންނަށް އެހީތެރިވުމާއި އަޅާލުމަކީ ކޮންމެ އިންސާނެއްގެވެސް ތަބީއަތުގައި ލައްވާފައިވާ ވަރަށް މާތް ސިފައެކެވެ. އެގޮތުން ނައިޖީރިއާގެ އަންހެނަކު މިވަނީ އެގައުމުގެ ސުކޫލަކަށް ކިޔަވަންދާ އުމުރުން 7 އަހަރުގެ ކުއްޖަކަށް ފައިވާނެއް ހަދިޔާކޮށްފައެވެ. އަދި އެ ސުކުލޫގައި ކިޔަވާ ހުރިހާ ދަރިވަރުންގެ ތެރެއިން، ފައިވާނަކަށް ބޭނުންވާ ހުރިހާ ކުދިންނަށް މި އަންހެންމީހާ ވަނީ ފައިވާން ހަދިޔާކޮށްދީފައެވެ. 

އޮސަރުޖޭ ސޮލޮމޮން ނަމަކަށް ކިޔާ މި އަންހެންމީހާ ބުނާ ގޮތުން އެ ކުއްޖާ ސުކޫލަށް ދާ މަންޒަރު އޭނާއަށް ފެންނަތާ ހަފްތާއެއްހާ ދުވަސްވި ކަމަށެވެ. ކޮންމެދުވަހަކުވެސް އެ ކުއްޖާ ސުކޫލަށް ދަނީ ނައިލޯނުން އައްސާފައި ހުރި، ހަލާކުވެފައިވާ ފައިވާނަކަށް އަރައިގެންނެވެ. 

މި އަންހެންމީހާއަކީ މާތަނަވަސް ދިރިއުޅުމެއް އުޅެމުން އަންނަ މީހެއް ނޫނަސް، އޭނާ ބުނާ ގޮތުގައި ކޮންމެ ދުވަހަކު އެމަންޒަރު ބަލަން އޭނާއަށް ކެތް ނުވީ ކަމަށެވެ. އަދި އެ ކުއްޖާއަށް އެހީވުމުގެ ތެރޭގައި އެފަދަ ހާލުގައި ތިބި އެހެން ކުދިންތަކެއްވެސް ފެނުނުކަމަށް އޭނާ ވަނީ ބުނެފައެވެ. އަދި އެކުދިންނަށްވެސް އޭނާ ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ.

މިކަން ފާހަގަކޮށް އެ ސުކޫލުންވެސް ވަނީ އޮސަރުޖޭގެ މި ހިދުމަތް ބަލައިގަނެ އަގުވަޒަންކޮށްފައެވެ. އޭނާގެ މި އަމަލަށް އެހާބޮޑު ތަރުހީބެއް ލިބުނީ އޭނާއަކީ މާ ބޮޑު މުއްސަންޖަކަށް ނުވެ އެފަދަ އެހީތެރިކަމެއް އެ ސުކޫލުގެ ދަރިވަރުންތަކަކަށް ފޯރުކޮއްދިނުމުންނެވެ.