މިއަދު ކުރިއަށްދާ އިންތިހާބުތަކުގައި ވޯޓުލާ މީހާއަށް އޮޅިގެން ނުބައި ފޮއްޓަކަށް ވޯޓު ކަރުދާސްކޮޅު ލެވުނު ކަމުގައި ވިޔަސް، އެ ވޯޓެއް ބާތިލު ނުވާނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފިއެވެ.
މިއަދު ރާއްޖޭގައި ކުރިއަށްދަނީ ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބުގެ އިތުރުން ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓެކެވެ. މި ތިން ވޯޓު އެއްފަހަރާ ކުރިއަށްދާތީ، ވޯޓުލާ ކޮންމެ މީހަކަށް ތިން ކަރުދާސްކޮޅު ދޫކުރާއިރު، ކޮންމެ މަރުކަޒެއްގައިވެސް ތިން ވޯޓު ފޮށި ވަނީ ބަހައްޓާފައެވެ. އުސޫލެއްގެ ގޮތުން ކޮންމެ ކަރުދާހެއްވެސް ލާންޖެހެނީ އެކަމަށް ހާއްސަކޮށްފައިވާ ފޮއްޓަށެވެ.
އިންތިހާބާ ގުޅޭގޮތުން މައުލޫމާތު ދެއްވަމުން އީސީގެ ނައިބު ރައީސް އަބްދުއްރަހްމާން ސަލާހް ރަޝީދު ވިދާޅުވީ، ޝަކުވާތައް ބަލާ ކޮމިޓީއަށް މިހާތަނަށް 10 ޝަކުވާއެއް ހުށަހެޅިފައިވާ ކަމަށެވެ. އޭގެ ތެރޭގައި ކެމްޕެއިން ކުރުން މަނާ ވަގުތުގައި ކެމްޕެއިން ކުރުމުގެ މައްސަލަތަކާއި، އޮޅިގެން ނުބައި ފޮއްޓަކަށް ވޯޓު ލެވުމުން ވޯޓު ބާތިލުވެދާނެތޯ އުފެދިފައިވާ ކަންބޮޑުވުންތައް ހިމެނެއެވެ.
މިކަމާ ގުޅިގެން ސަލާހް ވިދާޅުވީ އޮޅިގެން ނުބައި ފޮއްޓަކަށް ވޯޓު ކަރުދާސްކޮޅު ލެވުނު ނަމަވެސް އެ ވޯޓު ގުނާނެ ކަމަށާއި އެއްވެސް ވޯޓެއް އެ ސަބަބާ ހުރެ ބާތިލު ނުވާނެ ކަމަށެވެ.
މި އިންތިހާބުގައި ލޯކަލް ކައުންސިލްތަކަށް އިންތިހާބު ކުރަންޖެހޭ ގޮނޑިތަކަށް 1،368 ކެންޑިޑޭޓުން ވާދަކުރައްވާއިރު، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ގޮނޑިތަކަށް 1،593 ކެންޑިޑޭޓުން ވާދަކުރައްވައެވެ. މިއަދުގެ އިންތިހާބުގައި ޖުމްލަ 294،876 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެންވެއެވެ.
