ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބުގެ އިތުރުން ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓުލުން ކުރިއަށްދަނިކޮށް، ވޯޓުލާ ވަގުތު އިލެކްޝަންސް ކޮމިޝަނުން އިތުރުކޮށްފިއެވެ. އެ ކޮމިޝަނުން ނިންމާފައިވަނީ މިއަދު ހަވީރު 5:00 އާ ހަމައަށް ވޯޓުލުމުގެ ފުރުސަތު ދިނުމަށެވެ. މިއަދު ހެނދުނު 8:00 ގައި ފެށި މި އިންތިހާބުގެ ވަގުތު އިތުރުކުރަން ޖެހުނީ މިއަދު ވަރަށް ބޮޑަށް ހޫނުގަދަވުމުގެ ސަބަބުންނާއި، ކިއުތައް ދިގުވެ ގިނަ ބަޔަކަށް ވޯޓުލުމުގައި ދަތިތަކެއް ކުރިމަތިވުމާ ގުޅިގެންނެވެ.
އިލެކްޝަންސް ކޮމިޝަނުން މިކަމާ ގުޅޭގޮތުން ބުނީ، ވޯޓުލުން ހޫނުގަދަވެ ކިއުދިގުވެ ގިނަބަޔަކަށް ވޯޓުލުމަށް ދަތިވެފައިވާތީ، ހަވީރު 5:00 އާ ހަމައަށް ވޯޓުލުމުގެ ވަގުތު އިތުރުކޮށްފައިވާ ކަމަށެވެ. މި ބަދަލާއެކު ވޯޓުލުމުގެ ހައްގު ލިބިފައިވާ ހުރިހާ ރައްޔިތުންނަށް ފުރުސަތު ލިބިގެންދާނެ ކަމަށް އެ އޮފީހުން ބުންޏެވެ. އީސީގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މެންދުރުފަހު 2:00 އާ ހަމައަށް ވޯޓުލާފައިވަނީ ވޯޓުލުމުގެ ހައްގު ލިބިގެންވާ އާބާދީގެ 44.75 ޕަސަންޓު މީހުންނެވެ.
މިއަދުގެ އިންތިހާބުގައި ޖުމުލަ 2961 ކެންޑިޑޭޓުން ވާދަކުރާއިރު، އިންތިޒާމުތައް ހުރި ގޮތުން ބައެއް ރައްޔިތުން އަންނަނީ ސޯޝަލް މީޑިއާގައި ކަންބޮޑުވުން ފާޅުކުރަމުންނެވެ. ހާއްސަކޮށް ވޯޓުލާ މަރުކަޒުތަކުގައި ވޯޓު ފޮށިތައް ބަހައްޓާފައި ހުރި އުސްމިނާއި، ފޮށިތަކުގައި ހުރި ލިޔުންތަކުގެ އަކުރު ކުޑަވުމުގެ ޝަކުވާ ވަނީ ބޮޑުވެފައެވެ. މީގެ އިތުރުން މާލޭގައި ތިބި އަތޮޅުތެރޭގެ ރައްޔިތުން ވޯޓުލާން ކަނޑައަޅާފައިވާ ސަރަހައްދުތަކުގައި ޖާގަ ކުޑަވުމުގެ ސަބަބުން ވަރަށް ބޮޑަށް ތޮއްޖެހުން ވަނީ އުފެދިފައެވެ.
