ދިރާގުގެ ކުރިއެރުމާއި ކާމިޔާބީގެ ފަހަތުގައިވާ މުވައްޒަފުންގެ ހީވާގި މަސައްކަތާއި ހުނަރުވެރިކަން ފާހަގަކޮށް އަގުވަޒަންކުރުމަށްޓަކައި އެ ކުންފުނިން ހާއްސަ ހަފުލާއެއް ބާއްވައިފިއެވެ. މި ރަސްމިއްޔާތުގައި ދިރާގަށް އެކި ގޮތްގޮތުން ހިދުމަތްކޮށްދީފައިވާ ޖުމުލަ 88 މުވައްޒަފަކަށް ވަނީ އެވޯޑް ހަވާލުކޮށްފައެވެ. މިއީ މުވައްޒަފުންގެ މެދުގައި އޮންނަ ގުޅުން ބަދަހިކޮށް، މަސައްކަތުގެ ރޫހު އާލާކުރުމުގެ މަގުސަދުގައި ކޮންމެ އަހަރަކުވެސް އެ ކުންފުނިން ބާއްވަމުން އަންނަ މުހިންމު ހަފުލާއެކެވެ.
މި ހަފުލާގައި ދިރާގަށް ދިގު މުއްދަތަކަށް ހިދުމަތްކޮށްފައިވާ މުވައްޒަފުންގެ އަގުވަޒަންކޮށްފައިވެއެވެ. އެގޮތުން ކުންފުންޏަށް 10 އަހަރާއި، 15 އަހަރު އަދި 25 އަހަރު ހިދުމަތްކޮށްފައިވާ 53 މުވައްޒަފަކަށް ވަނީ އެވޯޑް ދީފައެވެ. ދިރާގުން ބުނީ މިފަދަ ހަފުލާތަކަކީ މަސައްކަތުގެ މައިދާނުގައި ނަމޫނާ ދައްކާ ފަރާތްތަކުގެ މަސައްކަތް ބަލައިގަތުމަށް ބާއްވާ ވަރަށް މުހިންމު ރަސްމިއްޔާތެއް ކަމަށެވެ.
މި ރަސްމިއްޔާތުގައި ދިރާގުން ދޭ އެންމެ ޝަރަފުވެރި އެވޯޑު ކަމުގައިވާ 'ޗެއާޕާސަންސް އެވޯޑު' ހާސިލުކުރީ ކޮންސިއުމާ ސާވިސަސްގެ ހަލަފް މުހައްމަދު ނާފިޒް އެވެ. މި ހަފުލާގައި ކޮމިއުނިކޭޝަންސް އޮތޯރިޓީގެ އިސް ވެރިންނާއި، ދިރާގުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިސްމާއީލް ރަޝީދުގެ އިތުރުން އެ ކުންފުނީގެ ބޯޑު މެންބަރުންނާއި ގިނަ އަދަދެއްގެ މުވައްޒަފުން ބައިވެރިވިއެވެ.
