މިއަދު ކުރިއަށްދިޔަ ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބާ ގުޅިގެން 40 އަކަށް ޝަކުވާ ހުށަހެޅިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ. އެ ކޮމިޝަނުން ހާމަކުރި ގޮތުގައި މިހާތަނަށް ލިބިފައިވާ ގިނަ ޝަކުވާތަކަކީ އިދާރީ ކަންކަމާ ގުޅުންހުރި މައްސަލަތަކެވެ.

އީސީގެ މެންބަރު ހަސަން ޒަކަރިއްޔާ ވިދާޅުވީ، ހުށަހެޅުނު ޝަކުވާތަކުގެ ތެރޭގައި ދާއިރާ ނޫން ދާއިރާތަކުގެ ވޯޓު ކަރުދާސް ދޫކުރުމާއި، ރީ-ރެޖިސްޓްރީ ނުވުމުގެ ސަބަބުން ވޯޓާސް ލިސްޓުގައި ނަން ނެތުމުގެ މައްސަލަތައް ހިމެނޭ ކަމަށެވެ. މީގެ އިތުރުން، ވޯޓުލާ މަރުކަޒުތައް ކައިރީގައި ކެންޑިޑޭޓުން މަޑުކޮށްގެން ތިބުމާއި، ބައެއް މަރުކަޒުތަކުގައި އޮފިޝަލުންނާއި ވޯޓަރުންނާ ދެމެދު ހިތްހަމަނުޖެހުންތަކެއް ހިނގާފައިވާ ކަމުގެ ރިޕޯޓުތައް ލިބިފައިވާ ކަމަށް އެ އޮފީހުން ބުންޏެވެ.

ނަމަވެސް، މިހާތަނަށް ހުށަހެޅުނު އެއްވެސް ޝަކުވާއަކީ އިންތިހާބުގެ ނަތީޖާއަށް ބަދަލު އަތުވެދާނެ ފަދަ ސީރިއަސް މައްސަލައެއް ނޫން ކަމަށް ޒަކަރިއްޔާ ވިދާޅުވިއެވެ. އިންތިހާބުގެ ވޯޓުލުން ނިމި، މިހާރު ވޯޓު ފޮށިތައް ގުނުމުގެ މަސައްކަތް ފަށާފައިވާއިރު، މި ފަހަރުގެ އިންތިހާބުގައި ވޯޓުލުމުގެ ހައްގު 294,876 މީހުންނަށް ލިބިފައިވެއެވެ. އޭގެ ތެރޭގައި 150,370 ފިރިހެނުންނާއި 144,506 އަންހެނުން ހިމެނެއެވެ.