ދުނިޔޭގެ ސައިންސާއި ޓެކްނޮލޮޖީ ކުރިއަރަމުންދާ މިންވަރާއެކު، އިންސާނުންނަށް ކުރިމަތިވެފައިވާ ބޮޑެތި ޞިއްޙީ މައްސަލަތަކަށް އަންނަނީ އުންމީދީ ޙައްލުތަކެއް ލިބެމުންނެވެ. މިގޮތުން، ސްވިޑަންގެ މަޝްހޫރު "ކެރޮލިންސްކާ އިންސްޓިޓިއުޓް" އިން ހާމަކޮށްފައިވާ ދިރާސާއަކީ އުފަންވީއިރު އިވުމުން މަޙްރޫމްވެފައިވާ ފަރާތްތަކަށް ލިބުނު ވަރަށް ބޮޑު އުފަލެކެވެ. މި ހޯދުމުގެ ސަބަބުން އަޑު އިވުމުން މަހުރޫމުވެފައިވާ މީހުންނަށް އަޑު އިވުމުގެ ފުރުސަތު މިވަނީ ކުރިއަށްވުރެ ބޮޑަށް ފަހިވެފައެވެ.

މި ދިރާސާގައި ބޭނުންކޮށްފައިވަނީ "ޖީން ތެރަޕީ" ނުވަތަ ޖީން ބޭނުންކޮށްގެން ފަރުވާދޭ އައު ގޮތެކެވެ. މި ފަރުވާގައި، އިވުމުގެ ނިޒާމަށް ކޮންމެހެން ބޭނުންވާ މުހިންމު ޖީނެއްގެ މަސައްކަތްކުރާ ކޮޕީއެއް، އެންމެ އިންޖެކްޝނަކުން ކަންފަތުގެ އެތެރޭގެ ބަޔަށް ސީދާ ފޮނުވައިދެއެވެ. މިއީ އިވުމުގެ މައްސަލަ ހުންނަ ފަރާތްތަކުގެ ކަންފަތުގެ އެތެރޭގެ ސެލްތައް އަލުން ދިރުވައި، ގުދުރަތީ ގޮތުން އަޑު އިވުމަށް މަގުފަހިކޮށްދޭ ފަރުވާއެކެވެ.

ކެރޮލިންސްކާ އިންސްޓިޓިއުޓުން ކުރިއަށް ގެންދިޔަ މި ކުޑަ، ނަމަވެސް ބޮޑު އިންގިލާބެއް ގެނުވި ދިރާސާގައި ބައިވެރިވި ދިހަ މީހުންނަށްވެސް ވަނީ ހައިރާންކުރުވަނިވި ނަތީޖާއެއް ލިބިފައެވެ. މި ގުރޫޕުގައި ކުޑަކުދިންނާއި ބޮޑެތި މީހުން ހިމެނޭއިރު، ފަރުވާ ދިންތާ މަދު ހަފުތާތަކެއްގެ ތެރޭގައި އެ އެންމެންގެ އިވުމަށް ވަނީ ބޮޑެތި ކުރިއެރުންތަކެއް ލިބިފައެވެ. ބައެއް މީހުންނަށް އެންމެ މަހެއްހާ ދުވަހުގެ ތެރޭގައި އަޑުތައް ސާފުކޮށް އިވެން ފަށާފައިވާކަން ދިރާސާވެރިން ވަނީ ފާހަގަކޮށްފައެވެ.

މި ހޯދުމަކީ އަޑުނީވުމުގެ މައްސަލައަށް ދާއިމީ ޙައްލެއް ހޯދުމަށް ކުރެވޭ މަސައްކަތުގައި ލިބުނު ވަރަށް ބޮޑު ކާމިޔާބީއެކެވެ. މީގެ ކުރިން މިކަމަށް އޮތް ހަމައެކަނި ޙައްލަކީ "ކޮކްލިއަރ އިމްޕްލާންޓް" ފަދަ އާލާތްތައް ބޭނުންކުރުން ކަމުގައި ވިޔަސް، މި އައު ޖީން ތެރަޕީގެ ސަބަބުން އެއްވެސް އާލާތަކާ ނުލައި އިވުން އަނބުރާ ލިބުމުގެ ފުރުސަތު މިވަނީ ބޮޑުވެފައެވެ. މިއީ ބޭސްވެރިކަމުގެ ދާއިރާގައި ކުރެވުނު ވަރަށް ތާރީޚީ މަސައްކަތެކެވެ.

މި އައު ޖީން ތެރަޕީއަކީ އިވުމުން މަޙްރޫމްވެފައިވާ އެތައް މިލިއަން ބަޔަކަށް ލިބުނު އުންމީދެކެވެ. ސައިންސްވެރިން ގަބޫލުކުރާ ގޮތުގައި، މި ފަރުވާ އިތުރަށް ތަރައްޤީވެ އާންމުވެގެން ދިޔުމަކީ، ކުރިމަގުގައި އަޑުއިވުމުން މަހުރޫވުމުގެ މައްސަލަ ހުންނަ ފަރާތްތަކަށް އެހެން މީހުންނެކޭ އެއްފަދައިން އަޑުތަކުގެ ދުނިޔެއަށް ވަދެވޭނެ ކަމެކެވެ. މިއީ އިންސާނިއްޔަތަށް ލިބުނު ވަރަށް ބޮޑު ނިޢުމަތަކަށް ވެގެންދާނެއެވެ.

ހަވާލާ: ސައިންސް ޑެއިލީ 2026.