މިއަދު ކުރިއަށްދިޔަ ލޯކަލް ކައުންސިލް އިންތިހާބާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބު އަދި ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓަކީ އެއްފަހަރާ ތިން ވޯޓެއް ނަގާ އިންތިހާބަކަށް ވުމުން، އެހެން އިންތިހާބުތަކަށް ވުރެ ނަތީޖާ ނެރުން ލަސްވާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ. އެ ކޮމިޝަނުން ބުނީ މި އިންތިހާބުގެ ތޮބިއްޔަތު އޮތް ގޮތުން، ތިން ކަރުދާސްކޮޅު ގުނަންޖެހޭތީ ވޯޓު ގުނުމުގައި އެހެން ފަހަރުތަކަށް ވުރެ ގިނަ ވަގުތު ހޭދަވާނެ ކަމަށެވެ.

ދައުލަތުގެ މީޑިއާ މެދުވެރިކުރައްވައި މިކަން ހާމަކުރައްވަމުން އިލެކްޝަންސް ކޮމިޝަންގެ މެންބަރު ހަސަން ޒަކަރިއްޔާ ވިދާޅުވީ، ނަތީޖާ ނެރުމުގައި ކުޑަ ލަސްކަމެއް އުޅުނު ނަމަވެސް، ކޮމިޝަންގެ އަމާޒަކީ މިރޭ ދަންދެބައި ވުމުގެ ކުރިން ދާއިރާތަކުގެ ނަތީޖާ އާންމުންނާ ހަމައަށް ގެނެސްދިނުން ކަމަށެވެ. އަދި ކޮމިޝަންގެ އިންތިޒާމުތައް ހަމަޖައްސާފައިވަނީ އެ އަމާޒަށް ވާސިލްވުމަށް ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

ނަތީޖާ އަވަހަށް ނެރުމަށްޓަކައި، ވަކިވަރަކަށް ވުރެ ގިނަ މީހުން ވޯޓުލާ މަރުކަޒުތަކުގައި ވޯޓު ގުނުމުގެ ކަންކަން ކުރިއަށްދާނީ ދެ ސެޓަކަށް ބަހާލައިގެންނެވެ. މިއަދު ހަވީރު 5:00 ޖެހިއިރު ކިއޫގައި މީހުން ނެތް 512 ވޯޓު ފޮއްޓެއް ބަންދުކޮށް، މިހާރު ދަނީ އެ ފޮށިތައް ގުނުމުގެ މަސައްކަތް ކުރަމުންނެވެ. ވަގުތު ހަމަވިއިރު ކިއޫގައި މީހުން ތިބި ފޮށިތަކުގެ ވޯޓުލުން ނިމުނުހާ އަވަހަކަށް އެ ފޮށިތައްވެސް ގުނަން ފަށާނެ ކަމަށް އެ އޮފީހުން ބުންޏެވެ.