މިއަދު ކުރިއަށްދާ ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބުގެ ވޯޓު ގުނުމުގެ މަސައްކަތް ކުރަމުން ދަނިކޮށް، މަޖީދިއްޔާ ސްކޫލްގައި ބަހައްޓާފައި ހުރި ވޯޓު ފޮއްޓެއްގެ މައްސަލަ އިލެކްޝަންސް ކޮމިޝަނުން ބަލަން ފަށައިފިއެވެ. މި މައްސަލަ ފެންމަތިވީ ސައްހަ ވޯޓާއި ބާތިލު ވޯޓު ވަކިކުރުމުގައި އުފެދުނު ހިޔާލުތަފާތުވުންތަކަކާ ގުޅިގެންނެވެ.

އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސް އަބްދުއްރަހްމާން ސޮލާހު ރަޝީދު ވިދާޅުވީ، މަޖީދިއްޔާ ސްކޫލްގައި ބަހައްޓާފައިވާ ވޯޓު ފޮއްޓެއްގެ ސައްހަ އަދި ބާތިލް ގުނުމުގެ މައްސަލައެއް ދިމާވެގެން އުޅޭތީ އެ މައްސަލަ ކޮމިޝަނުން މިހާރު ބަލަމުން އަންނަ ކަމަށެވެ. މި ހަމަނުޖެހުން ހިނގާފައިވަނީ ހެންވޭރު ހުޅަނގު 4 ނަންބަރު ފޮށީގައެވެ. މިކަމާ ގުޅިގެން އެ މަރުކަޒުގެ ވޯޓު ގުނުމުގެ މަސައްކަތް ވަނީ ވަގުތީ ގޮތުން ހުއްޓުމަކަށް އައިސްފައެވެ.

މަޖީދިއްޔާ ސްކޫލުގެ އިތުރުން އިސްލާމިކް ޔުނިވަސިޓީއާއި ވިލިމާލޭގައި ވެސް މިފަދަ ހަމަނުޖެހުންތަކެއް ހިނގާފައިވާ ކަމަށް މައުލޫމާތު ލިބެއެވެ. މައި ދެ ޕާޓީގެ އޮބްޒާވަރުން އީސީގެ އުސޫލުތަކާ މެދު ހިތްހަމަނުޖެހުން ފާޅުކޮށް، ވޯޓު ގުނުމަށް ހުރަސްއަޅަމުންދާ ކަމަށް މަރުކަޒުތަކުން މައުލޫމާތު ދެއެވެ. މި މައްސަލަތައް ހައްލުކޮށް، ވޯޓު ގުނުމުގެ މަސައްކަތް އަލުން ފެށުމަށް އީސީން ދަނީ މަސައްކަތް ކުރަމުންނެވެ.