މަޖީދިއްޔާ ސްކޫލްގައި ބަހައްޓާފައި ހުރި ވޯޓު ފޮއްޓެއް ގުނުމުގެ ތެރޭގައި ހަމަނުޖެހުން ހިނގައި މެދުކަނޑާލުމަށްފަހު، ފުލުހުންގެ ހާޒިރުގައި އަލުން ވޯޓު ގުނަން ފަށައިފިއެވެ. މި ހަމަނުޖެހުން ހިނގާފައިވަނީ ހެންވޭރު ހުޅަނގު 4 ނަންބަރު ފޮށީގެ ސައްހަ އަދި ބާތިލު ވޯޓު ވަކިކުރުމުގެ އުސޫލާ މެދު އޮބްޒާވަރުން ހިތްހަމަނުޖެހުން ފާޅުކުރުމާ ގުޅިގެންނެވެ.

މަރުކަޒުގައި ތިބި އޮބްޒާވަރުން ބުނި ގޮތުގައި، ވޯޓު ގުނުމަށް ހުރަސްއަޅައި އީސީގެ މުވައްޒަފުންނާ ދިމާލަށް ބާރަށް ހަޅޭއްލަވައި އަޑުގަދަކުރުމުގެ ސަބަބުން މަސައްކަތް ވަނީ ވަގުތީ ގޮތުން ހުއްޓުމަކަށް އައިސްފައެވެ. މީގެ އިތުރުން އިސްލާމިކް ޔުނިވަސިޓީ އާއި ވިލިމާލޭގައި ވެސް މިފަދަ ނުތަނަވަސްކަމެއް އުފެދުނު ކަމުގެ ރިޕޯޓުތައް ވަނީ ލިބިފައެވެ.

މަޖީދިއްޔާ ސްކޫލުގައި ހަރަކާތްތެރިވާ ނޫސްވެރިން މައުލޫމާތު ދޭ ގޮތުގައި، މިހާރު އެ ފޮށީގެ ވޯޓު ގުނުން ކުރިއަށް ގެންދަނީ ގިނަ އަދަދެއްގެ ފުލުހުންގެ ހާޒިރުގައެވެ. އީސީގެ ނައިބު ރައީސް އަބްދުއްރަހްމާން ސޮލާހު ރަޝީދު ވިދާޅުވީ، ދިމާވި މައްސަލަ ކޮމިޝަނުން ބަލަމުންދާ ކަމަށާއި، މަސައްކަތް އަލުން ފަށާފައިވަނީ އުސޫލުތަކާ އެއްގޮތަށް ކަންކަން ކުރިއަށް ގެންދިއުމަށް ކަމަށެވެ.