މިއަދު މުޅި ރާއްޖޭގައި ކުރިއަށްދިޔަ ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބުގައި، އާދަޔާ ހިލާފަށް ހޫނުގަދަވީ ނަމަވެސް ރައްޔިތުން ދެއްކި ކެތްތެރިކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ތައުރީފުކޮށްފިއެވެ.
ފުލުހުން ބުނި ގޮތުގައި، ވޯޓުލާ މަރުކަޒުތަކުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމުގައި ހަރަކާތްތެރިވި ފުލުހުން ދެމުންދިޔަ އިރުޝާދުތަކަށް އާންމުން ދިން ފުރިހަމަ އެއްބާރުލުމަކީ އިންތިހާބުގެ ކަންކަން އޮމާންކަމާއެކު ކުރިއަށް ގެންދިއުމަށް ލިބުނު ވަރަށް ބޮޑު ފަސޭހައެކެވެ. ހާއްސަކޮށް ގަދަ އަވީގައި ކިއުތަކުގައި ތިބިއިރުވެސް އާންމުން ދެއްކި ނަމޫނާ ފުލުހުން ވަނީ ފާހަގަކޮށްފައެވެ.
މި އިންތިހާބާ ގުޅިގެން މުޅި ރާއްޖޭގެ ސަލާމަތީ ކަންކަން ކަށަވަރުކުރުމަށްޓަކައި ފުލުހުން ވަނީ "އޮޕަރޭޝަން ބްލޫ ރޭ" ގެ ނަމުގައި ހާއްސަ އޮޕަރޭޝަނެއް ފަށާފައެވެ. މި އޮޕަރޭޝަން ރަސްމީކޮށް ފައްޓަވައިދެއްވީ ޑެޕިއުޓީ ކޮމިޝަނަރު އޮފް ޕޮލިސް ފަރުހާދު ފިކުރީއެވެ. ފުލުހުން ބުނީ އިންތިހާބުގެ ނަތީޖާ އިއުލާންކޮށް ނިމެންދެން ސަލާމަތީ ކަންކަން އެންމެ މަތީ ދަރަޖައިގައި ބަލަހައްޓަމުން ގެންދާނެ ކަމަށެވެ.
