މިއަދު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގެ ވަގުތީ ނަތީޖާތައް ދައްކާގޮތުން، ކުޅުދުއްފުށި ސިޓީގެ މޭޔަރު ކަމުގެ ގޮނޑި މިހާރުގެވެސް މޭޔަރު މުހައްމަދު އާތިފު ބޮޑު ތަފާތަކުން ދިފާއުކުރައްވައިފިއެވެ.
މިހާތަނަށް ގުނާފައިވާ ވޯޓު ފޮށިތަކުގެ ނަތީޖާއަށް ބަލާއިރު، އާތިފަށް ވަނީ 1,490 ވޯޓު ލިބިވަޑައިގެންފައެވެ. އޭނާއާ އެންމެ ގާތުން ވާދަކުރެއްވި ސަރުކާރު ހިންގާ ޕީއެންސީގެ ކެންޑިޑޭޓް އިބްރާހިމް ހަސަނަށް ލިބިވަޑައިގަތީ 680 ވޯޓެވެ. މިއީ ގާތްގަނޑަކަށް ދެގުނަ އިތުރު އަދަދެކެވެ.
މޭޔަރުގެ ގޮނޑީގެ އިތުރުން، ކުޅުދުއްފުށި ސިޓީ ކައުންސިލްގެ މެޖޯރިޓީ ވެސް މި އިންތިހާބުގައި ހޯދާފައިވަނީ އިދިކޮޅު އެމްޑީޕީންނެވެ. ވަގުތީ ނަތީޖާތައް ދައްކާގޮތުން ކައުންސިލްގެ އެންމެ ގޮނޑިއެއް ފިޔަވައި ހުރިހާ ގޮނޑިއެއް ކާމިޔާބުކޮށްފައިވަނީ އެމްޑީޕީގެ ކެންޑިޑޭޓުންނެވެ.
މިހާތަނަށް ލިބެމުންދާ ނަތީޖާތަކަށް ބަލާއިރު، ރާއްޖޭގެ ބޮޑެތި ސިޓީތަކުގެ މޭޔަރުންގެ ގޮނޑިތަކުގައި ކުރީގައި އުޅެނީ އެމްޑީޕީގެ ކެންޑިޑޭޓުންކަން ފާހަގަކުރެވެއެވެ.
