މިއަދު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގެ ވަގުތީ ނަތީޖާ ދައްކާގޮތުން، އަލަށް ސިޓީއެއްގެ ދަރަޖަ ދިން ތިނަދޫ ސިޓީގެ ފުރަތަމަ މޭޔަރު ކަމުގެ ގޮނޑި ސަރުކާރު ހިންގާ ޕީއެންސީގެ ކެންޑިޑޭޓް މުހައްމަދު އަޖީބު ކާމިޔާބު ކުރުމުގެ ފުރުސަތު ބޮޑުވެއްޖެއެވެ.
ތިނަދޫގެ ގިނަ ވޯޓު ފޮށިތަކުގެ ނަތީޖާ ލިބިފައިވާއިރު، ޕީއެންސީގެ ކެންޑިޑޭޓް ވަނީ އިދިކޮޅު އެމްޑީޕީގެ ކެންޑިޑޭޓުގެ މައްޗަށް ކުރިހޯއްދަވާފައެވެ. ތިނަދޫ ސިޓީއަކީ އެންމެ ފަހުން ސިޓީއެއްގެ ދަރަޖަ ދިން ރަށަށް ވުމުން، މިއީ އެ ސިޓީގެ ތާރީޚުގައި ހޮވުނު ފުރަތަމަ މޭޔަރެވެ.
މިހާތަނަށް ލިބިފައިވާ އެހެން ސިޓީތަކުގެ ނަތީޖާތަކަށް ބަލާއިރު، މާލެ، އައްޑޫ، ފުވައްމުލައް އަދި ކުޅުދުއްފުށި ސިޓީގެ މޭޔަރު ކަމުގެ ގޮނޑިތައް ކާމިޔާބުކޮށްފައިވަނީ އިދިކޮޅު އެމްޑީޕީންނެވެ. އެހެންކަމުން، ތިނަދޫގެ މި ކާމިޔާބީއަކީ މި އިންތިހާބުގައި ސިޓީތަކުން ސަރުކާރަށް ލިބުނު ހަމައެކަނި ހިތްހަމަޖެހުމެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނީ، ހުރިހާ ދާއިރާތަކެއްގެ ވަގުތީ ނަތީޖާތައް އިއުލާންކޮށް ނިމުމުން ރަސްމީ ނަތީޖާ ކަށަވަރުވާނެ ކަމަށެވެ. ތިނަދޫގައި ވެސް ވޯޓުލުން ކުރިއަށްދިޔައީ ވަރަށް ސުލްހަވެރިކަމާއެކުގައެވެ.
