އިއްޔެ ބޭއްވި ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބުގެ އިތުރުން ފެންނަ ނުފެންނަ ވޯޓުގައި، ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ 73 ޕަސަންޓު މީހުން ވޯޓުލާފައިވާ ކަމަށް ވަގުތީ ނަތީޖާއިން ދައްކައިފި އެވެ.

މި އިންތިހާބުތަކުގައި ވޯޓުލުމުގެ ހައްގު ޖުމްލަ 294،876 މީހަކަށް ލިބިފައިވެ އެވެ. ރޭ ދަންވަރު އާންމުކުރި މައުލޫމާތަށް ބަލާއިރު އޭގެ ތެރެއިން 214،898 މީހުން ވަނީ ވޯޓުލާފަ އެވެ. އެއީ ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ 72.88 ޕަސަންޓެވެ.

ވޯޓުލުން ފެށީ އިއްޔެ ހެނދުނު 8:00 ގަ އެވެ. ފުރަތަމަ ހަމަޖެހިފައި އޮތީ ހަވީރު 4:00 އަށް ވޯޓުލުން ނިންމާލުމަށެވެ. އެހާތަނަށް ވޯޓުލެވިފައި ވަނީ 62.98 ޕަސަންޓު މީހުންނަށެވެ. ނަމަވެސް، ގިނަ މަރުކަޒުތަކުގައި މީހުން ތޮއްޖެހިފައި އޮތުމުގެ ސަބަބުން ކިއޫތައް ބަންދުކުރީ ހަވީރު 5:00 ގަ އެވެ. ކިއޫތައް ބަންދުކުރި ނަމަވެސް، ހުރިހާ ފޮއްޓެއްގެ ވޯޓުލުން އެއްކޮށް ނިމުނީ ރޭ 10:30 އެހާކަންހާއިރު އެވެ.

މިއީ އޭގެ ކުރިން 2021 ވަނަ އަހަރު ބޭއްވި ކައުންސިލް އިންތިހާބާ އަޅާބަލާއިރު 5 ޕަސަންޓު އިތުރު އަދަދެކެވެ. އެ ފަހަރު ވޯޓުލުމުގެ ހައްގު 273،128 މީހުންނަށް ލިބުނުއިރު، ވޯޓުލީ 189،517 މީހުންނެވެ. އެއީ 68 ޕަސަންޓެވެ.

މި ފަހަރުގެ ކައުންސިލް އިންތިހާބާއި އަންހެނުންގެ ކޮމިޓީތަކުގެ އިންތިހާބުގެ މެޖޯރިޓީ އިދިކޮޅު އެމްޑީޕީން ވަނީ ހޯދާފަ އެވެ. މީގެ އިތުރުން، ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއްކޮށްލުމަށް ނެގި ފެންނަ ނުފެންނަ ވޯޓުގައި ގިނަ ރައްޔިތުން ވަނީ އެކަމާ ދެކޮޅަށް ވޯޓުދީފަ އެވެ.