މި ސަރުކާރުގެ ތިން ވަނަ ޕޮލިސް ކޮމިޝަނަރުގެ މަގާމަށް އަހުމަދު މުހައްމަދު (ޓޫފޯ) ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އައްޔަންކުރައްވައިފި އެވެ. ރައީސް އޮފީހުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި، އެސިސްޓެންޓް ކޮމިޝަނަރުގެ މަގާމުގައި ހުންނެވި އަހުމަދު މުހައްމަދަށް ވަނީ މަގާމުގެ ފަތްކޮޅު އަރުވާފަ އެވެ.

ޕޮލިސް ކޮމިޝަނަރުގެ މަގާމު ހުސްވީ އެ މަގާމުގައި އެންމެ ފަހުން ހުންނެވި އިސްމާއިލް ނަވީން މިދިޔަ މަހު ކުއްލި ގޮތަކަށް ރިޓަޔާކުރެއްވުމާ ގުޅިގެންނެވެ. އެ މަގާމަށް ކުރިމަތިލުމަށް ދެ ވަނަ ފަހަރަށް ހުޅުވާލި ފުރުސަތުގައި އަހުމަދު މުހައްމަދާ އެކު ޑެޕިއުޓީ ކޮމިޝަނަރު ފަރުހާދާއި އެސިސްޓެންޓް ކޮމިޝަނަރު އަބްދުﷲ ޝަރީފު ވެސް ކުރިމަތިލެއްވި އެވެ. ނަމަވެސް، ޕޮލިސް ބޯޑުން އިންޓަވިއު ކުރުމަށްފަހު، މި މަގާމަށް އަހުމަދު މުހައްމަދު އައްޔަންކުރުމަށް ހޯމް މިނިސްޓްރީގެ މިނިސްޓަރު އަލީ އިހުސާނަށް ވަނީ ލަފާދީފަ އެވެ.

އަހުމަދު މުހައްމަދަކީ ފުލުހުންގެ ހިދުމަތުގައި 30 އަހަރަށް ވުރެ ދިގު މުއްދަތެއް ހޭދަކުރައްވާފައިވާ، ތަޖުރިބާކާރު ބޭފުޅެކެވެ. އޭނާ ވަނީ އިންޑިއާގެ ޕޮލިސް އެކަޑަމީން އައިޕީއެސް ޕްރޮބޭޝަނާސް ބޭސިކް ޓްރެއިނިން ކޯހާއި ސީނިއާ އޮފިސަރުންނަށް ބޭނުންވާ މުހިންމު ތަމްރީނުތައް ފުރިހަމަކުރައްވާފަ އެވެ. ޝަރީއާ ދާއިރާއިން މާސްޓާސް ޑިގްރީ ހާސިލްކުރައްވާފައިވާ އަހުމަދު މުހައްމަދު ވަނީ މީގެ ކުރިން އޮޕަރޭޝަނަލް އަދި އިންވެސްޓިގޭޓިވް ދާއިރާތަކުގެ އިސް މަގާމުތައް ވެސް ފުރުއްވާފަ އެވެ.