މުޅި ރާއްޖޭގައި ކުރިއަށް ދިޔަ ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބުގެ ވަގުތީ ނަތީޖާ، އިހުތިރާމާއެކު ބަލައިގަންނަ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ. ރައީސް މިކަން ހާމަކުރެއްވީ މި އިންތިހާބުތަކާއި، ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު 2026 ގެ ނަތީޖާއާ ގުޅިގެން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގަ އެވެ.

ރައީސް މުއިއްޒު ވަނީ އިންތިހާބު ކާމިޔާބު ކުރެއްވި ހުރިހާ ފަރާތްތަކަށް ތަހުނިޔާ ވިދާޅުވެފަ އެވެ. އަދި ސަރުކާރުން ރަނގަޅުކުރަންޖެހޭ ކަންކަން ރައްޔިތުންގެ ވިންދާ އެއްގޮތަށް ރަނގަޅުކުރެއްވުމަށް ކުރައްވަންޖެހޭ މަސައްކަތްތައް ކުރިއަށްގެންދަވާނެ ކަމުގެ ޔަގީންކަން ވެސް ރައީސް ވަނީ ދެއްވާފަ އެވެ.

ދައުލަތުގެ މީޑިއާ މެދުވެރިކުރައްވައި މިކަން ހާމަކުރައްވަމުން ރައީސް ވިދާޅުވީ، ރައްޔިތުން ދިން ނިންމުމަށް ސަރުކާރުން އިހުތިރާމް ކުރާނެ ކަމަށެވެ. އަދި ރާއްޖޭގެ އެންމެހާ ލޮބުވެތި ރައްޔިތުންގެ ވިންދާ އެއްގޮތަށް ކަންކަން އިސްލާހުކޮށް، ސަރުކާރުގެ ހިދުމަތްތައް ފުރިހަމަ ކުރެއްވުމަށް އިސްކަން ދެއްވާނެ ކަމަށް ވެސް ރައީސްގެ ޕޯސްޓުގައި ބުންޏެވެ.