އިއްޔެ ބޭއްވި ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބު ކާމިޔާބު ކުރި ހުރިހާ ފަރާތްތަކަށް ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމުގެ ޔަގީންކަން މިނިސްޓަރު އާދަމް ޝަރީފް އުމަރު ދެއްވައިފި އެވެ. މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަމެންޓް އެންޑް ޕަބްލިކް ވޯކްސްގެ މިނިސްޓަރު މިކަން ހާމަކުރެއްވީ އިންތިހާބު ކާމިޔާބު ކުރި ކެންޑިޑޭޓުންނަށް މަރުހަބާ ދެންނެވުމަށް ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގަ އެވެ.

މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވީ، އެއްވެސް ތަފާތު ކުރުމެއް ނެތި ހުރިހާ ކައުންސިލްތަކަކާ އެކު ވެސް ސަރުކާރުން ގުޅިގެން މަސައްކަތް ކުރާނެ ކަމަށެވެ. އަދި އަލަށް އިންތިހާބުވި ފަރާތްތަކުން ރައްޔިތުންގެ ބައިވެރިވުން އިތުރުކޮށް، ރައްޔިތުންނާ ގާތުން ޒިންމާދާރު މަސައްކަތްތަކެއް ކުރައްވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. މީގެ އިތުރުން މި އިންތިހާބުތަކުގެ ސަބަބުން ރާއްޖޭގެ ލާމަރުކަޒީ ނިޒާމަށް އިތުރު ދިރުމެއް ލިބިގެންދާނެ ކަން އޭނާ ފާހަގަކުރެއްވި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ކައުންސިލްތައް ބާރުވެރިކުރުމަށް ބޮޑު އިސްކަމެއް ދެއްވާކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ، ކައުންސިލްތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގައި ސަރުކާރު ދެމިއޮންނާނެ ކަމަށެވެ. މިހާތަނަށް ލިބިފައިވާ ނަތީޖާތަކަށް ބަލާއިރު، ވެރިކަން ކުރާ ޕީއެންސީން ގިނަ ރަށްރަށުގެ ކައުންސިލް ގޮނޑިތައް ކާމިޔާބުކޮށްފައިވާއިރު، އިދިކޮޅު އެމްޑީޕީން ވަނީ ސިޓީތަކުގެ މޭޔަރުކަމާއި ސިޓީ ކައުންސިލްތަކުގެ ކޮންޓްރޯލް ދަމަހައްޓާފަ އެވެ.