ދުނިޔޭގެ ޞިއްޙަތާއި ބެހޭ ޖަމިއްޔާ ޑަބްލިޔު އެޗް އޯ އިން ދުނިޔޭގެ އެކި ގައުމުތަކުގެ އިސްވެރިންނަށް ކޮވިޑް-19 ގެ ނުރައްކަލާ ގުޅޭގޮތުން އިންޒާރު ދީފިއެވެ. ޑަބްލިޔު އެޗް އޯ އިން މިގޮތަށް އިންޒާރުދޭން ޖެހުނު މައިގަނޑު ސަބަބަކީ ކޮވިޑް ބައްޔާއި ގުޅިގެން އެކި ގައުމުތަކުގައި އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތައް މާ ފަސޭހައިން ދޫކޮށްލާ ކުރީގެ ދިރިއުޅުމަށް އަލުން އަނބުރާ އިޢާދަ ވުމަށް ބައެއް ގައުމުތަކުން ބާރު އަޅަމުން ދާތީއެވެ.
މިދިޔަ ހޯމަ ދުވަހު އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ޑަބްލިޔު އެޗް އޯ ގެ އިސް އޮފިޝަލެއް ވިދާޅުވިގޮތުގައި ކޮވިޑްގެ އާ ރާޅެއްގެ މަލަމަތި ފެންނަންވަނީ ފަށާފައެވެ. އަދި މިއީ ކޮވިޑްގެ ބަލިމަޑުކަމުން ދުނިޔެ ސަލާމަތްވިކަމަށް ކަނޑައަޅަންވީ ވަގުތެއް ނޫން ކަމަށާއި ފާއިތުވި ހަފްތާ ތެރޭގައި އެކަނިވެސް އެމެރިކާ ފަދަ ގައުމުތަކުގައި އެވްރެޖްކޮށް އެއްމިލިއަން ކޭސް ފެނިފައިވާކަން ވަނީ ފާހަގަކޮށްފައެވެ.
މިދިޔަ ހަފްތާގައި ޑަބްލިޔު އެޗް އޯގެ އެފްރިކާގެ ޑިރެކްޓަރ ވަނީ އެފްރިކާ ބައްރުގައި ނަގާފައިވާ ކޮވިޑް-19 ގެ ތިން ވަނަ ރާޅުގެ ބޮޑުކަމާއި ނުރައްކަލުގެ އިންޒާރު މުޅި ދުނިޔެއާއި ހިއްސާކޮށްފައެވެ. އޭނާ އިތުރަށް ވިދާޅުވި ގޮތުގައި ކޮވިޑް-19 ގައި ފެންނަން ފަށާފައިވާ ކޭސްތައް ދަނީ ކޮންމެ ތިން ހަފްތާއަކުން ދެގުނަ އިތުރުވަމުންނެވެ.
ކޮވިޑް ބަލީގައި އަލަށް ފެންނަން ފަށާފައިވާ އިތުރު ކޭސްތަކުގެ ފަހަތުގައި ވަނީ އިންޑިއާއިން ފެނިފައިވާ ޑެލްޓާ ވޭރިއަންޓްއެވެ. މި ވޭރިއަންޓްއަކީ ފަސޭހައިން ފެތުރޭ އަދި ވެކްސިންތަކަށް މާބޮޑަށް ނުގުޑާ ނުރައްކާތެރި ވޭރިއަންޓެއް ކަމަށް ދިރާސާތަކުން ވަނީ ދައްކާފައެވެ. ނަމަވެސް، ވެކްސިންތަކުގެ 2 ޑޯޒް ފުރިހަމަ ކުރާ ފަރާތްތަކަށް މި ވޭރިއަންޓްގެ ސަބަބުން ކުރާ އަސަރުތައް ކުޑަ ކަންވެސް ވަނީ ފާހަގަވެފައެވެ.
ކަންމިހެން އޮތްއިރު ދުނިޔޭގެ އެކި ގައުމުތަކުގައި ކޮވިޑްއާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކަށް ލުއިދޭން ވަނީ ފަށާފައެވެ. އިނގިރޭސިވިލާތުގައި ޑެލްޓާ ވޭރިއަންޓްގެ އިންފެކްޝަން ރޭޓް %74 އިތުރު ވެފައި ވީ ނަމަވެސް، ދެ ހަފަތާއަށް ފަހު ހުރިހާ ފިޔަވަޅުތަކަށް ލުއިދޭން ވަނީ ނިންމާފައެވެ. ޖަރުމަންވިލާތުގައި ކޮވިޑް-19 ގެ ވެކްސިން އެންމެންނަށް ދެވުނުހާ އަވަހަކަށް ހުރިހާ ފިޔަވަޅުތަކެއް އުވާލާނެކަމަށް އެ ގައުމުގެ ފޮރިން މިނިސްޓަރ ވަނީ ހާމަކޮށްފައެވެ. ކެނަޑާގެ ޕްރައިމް މިނިސްޓަރ ވަނީ ފެށޭ ހަފްތާތަކުގެ ތެރޭ ކެނަޑާގެ ބޯޑަރ އަލުނ ހުޅުވާލާނެކަމުގެ ފެހި ސިގްނަލް ދީފައެވެ.
މިދިޔަ އަހަރުގެ ސެޕްޓެމްބަރ މަހު ކޮވިޑްގެ ފުރަތަމަ ރާޅަށްފަހު ގިނަ ގައުމުތަކުގައި ވަނީ މިގޮތަށް އަޅާފައިވާ ފިޔަވަޅުތަކަށް ލުއިދީފައެވެ. ނަމަވެސް އޮކްޓޯބަރ މަހުން ފެށިގެން އަނެއްކާވެސް ދުނިޔޭގެ އެކި ހިސާބުތަކުގައި ކޮވިޑްގެ ދެވަނަ ރާޅެއް ވަނީ ފެންނަން ފަށާފައެވެ.
