އުމްރާގެ މަތިވެރި އަޅުކަން އަދާކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން މިއަދު ސައޫދީ އަރަބިއްޔާއަށް ފުރާވަޑައިގަންނަވާނެ އެވެ. މި ދަތުރުފުޅަކީ އޭޕްރީލް 6 ވާ ހޯމަ ދުވަހު ފެއްޓެވުމަށް ހަމަޖެހިފައިވާ ރަސްމީ ދަތުރުފުޅެކެވެ.
މި ދަތުރުފުޅުގެ ހުރިހާ އިންތިޒާމްތަކަކާއި، މެހުމާންދާރީގެ އިތުރުން ހުރިހާ ހަރަދެއް ހަމަޖައްސަވައިދެއްވަނީ ސައޫދީ އަރަބިއްޔާގެ ސަރުކާރުންނެވެ. ރައީސް އޮފީހުން ބުނީ، މި ދަތުރުފުޅާ ގުޅޭ ހުރިހާ ކަމެއް ނިމިދިޔަ ފެބުރުވަރީ މަހުގެ ކުރީކޮޅު ސައޫދީ ސަރުކާރާއެކު މަޝްވަރާކޮށް ހަމަޖައްސާފައިވާ ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން އުމްރާއަށް މި ފުރާވަޑައިގަންނަވަނީ ސައޫދީ ރަސްގެފާނުގެ ހާއްސަ މެހުމާނުންގެ ގޮތުގަ އެވެ. މި ދަތުރުފުޅުގައި އުމްރާގެ އަޅުކަން ފުރިހަމަކުރެއްވުމުގެ އިތުރުން، ސައޫދީ ސަރުކާރުގެ އިސްވެރިންނާ ބައްދަލުކުރެއްވުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ.
