ރާއްޖޭގެ އަތޮޅުތަކާއި ރަށްތައް ހިންގުމުގެ ދާއިރާގައި ގިނަގުނަ ހިދުމަތްތަކެއް ކުރެއްވި މޫސާ ރަމީޒް އަވަހާރަވުމަކީ ލިބުނު ބޮޑު ހިތާމައެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ. ރައީސް މިކަން ހާމަކުރެއްވީ މޫސާ ރަމީޒް އަވަހާރަވުމުގެ ހިތާމައިގައި ސޯޝަލް މީޑިއާގައި މިއަދު ހިއްސާކުރެއްވި ތައުޒިޔާގެ މެސެޖެއްގަ އެވެ.
މޫސާ ރަމީޒަކީ ށ. އަތޮޅުގެ އެކި މަގާމުތަކުގައި މުހިންމު ހިދުމަތްތަކެއް ކުރެއްވުމުގެ އިތުރުން، ރައްޔިތުންގެ ހާއްސަ މަޖިލީހުގެ މެންބަރުކަން ވެސް ކުރެއްވި ބޭފުޅެކެވެ. މީގެ އިތުރުން އޭނާ ވަނީ ށ. އަތޮޅުގެ އިތުރުން ފުވައްމުލަކުގެ އަތޮޅުވެރިކަން ވެސް ކުރައްވާފަ އެވެ. ރައީސް މުއިއްޒު ވަނީ މޫސާ ރަމީޒް އަވަހާރަވުމުގެ ހިތާމައިގައި އެ މަރުހޫމްގެ އާއިލާއަށާއި ށ. އަތޮޅުގެ ލޮބުވެތި ރައްޔިތުންނަށް ފުރިހަމަ ތައުޒިޔާ ދަންނަވާފަ އެވެ.
ރައީސްގެ މެސެޖު ނިންމަވާލައްވަމުން ކުރެއްވި ދުއާއަކީ، މާތް الله ގެ ރުއްސެވުމާއި ފުއްސެވުމުގައި އަދި ސުވަރުގޭގެ ދާއިމީ ނިއުމަތުގައި މަރުހޫމް މޫސާ ރަމީޒް ލެހެއްޓެވުމެވެ. މޫސާ ރަމީޒަކީ ށ. ކޮމަންޑޫއަށް އުފަން، އެ އަތޮޅުގެ ތަރައްގީއާއި ހިންގުމުގެ ދާއިރާގައި ގިނަ ބައެއްގެ އިހުތިރާމް ހޯއްދަވާފައިވާ ހިދުމަތްތެރިއެކެވެ.
