ސަރުކާރު ބަންދު ދުވަސްތަކެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ކަނޑައެޅުއްވި ދެ ދުވަހާ ގުޅިގެން، އައިޖީއެމްއެޗް އާއި ދަރުމަވަންތަ ހޮސްޕިޓަލުގެ އޯޕީޑީ ހިދުމަތްތައް ހޯމަ ދުވަހު ބަންދުކުރުމަށް ނިންމައިފި އެވެ. އައިޖީއެމްއެޗް އިން ބުނީ އޭޕްރީލް 6 ވާ ހޯމަ ދުވަހު އައިޖީއެމްއެޗްގެ އިތުރުން ދަރުމަވަންތަ ހޮސްޕިޓަލާއި ވިލިމާލެ ހޮސްޕިޓަލުގެ ސްޕެޝަލިސްޓް އޯޕީޑީ އާއި އެހެނިހެން ކްލިނިކަލް ހިދުމަތްތައް ބަންދުވާނެ ކަމަށެވެ.
އޯޕީޑީ ހިދުމަތްތައް މެދުކަނޑާލި ނަމަވެސް، ބަންދު ދުވަސްތަކުގައި ވެސް ހޮސްޕިޓަލްތަކުން އެޑްމިޓްކޮށްގެންދޭ ފަރުވާއާއި އިމަޖެންސީގެ ހިދުމަތްތައް އެއްވެސް މެދުކެނޑުމެއް ނެތި ކުރިއަށްދާނެ އެވެ. އައިޖީއެމްއެޗްގެ އޮފީހުން ބުނީ ކުއްލި ފަރުވާ ބޭނުންވާ ފަރާތްތަކަށް 24 ގަޑިއިރު ހިދުމަތް ލިބޭނެ އިންތިޒާމް ހަމަޖެހިފައިވާ ކަމަށެވެ.
އޭޕްރީލް 5 އަދި 6 ވާ އާދީއްތަ އާއި ހޯމަ ދުވަސް ސަރުކާރު ބަންދު ދުވަސްތަކެއްގެ ގޮތުގައި ރައީސް ހަމަޖެއްސެވީ، އިއްޔެ ބޭއްވި ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބުގެ މަސައްކަތުގައި އުޅޭ މުވައްޒަފުންނަށް ލުއި ދިނުމަށެވެ. މި ދެ ދުވަސް ބަންދުކޮށްދިނުމަށް އެދިފައިވަނީ އިންތިހާބަށް ފަހު ކުރަންޖެހޭ މުހިންމު މަސައްކަތްތައް ހުރުމުން އިލެކްޝަންސް ކޮމިޝަނުންނެވެ.
