ރާއްޖެ އެތެރެކުރި ހަ ކިލޯގެ މަސްތުވާތަކެތި އަތުލައިގަނެ، އެ މައްސަލައިގައި ދެ މީހަކު ހައްޔަރުކޮށްފި އެވެ. ކްރިމިނަލް ކޯޓުން މިއަދު ނެރުނު ބަންދު އަމުރުގައިވާ ގޮތުން މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ މާލެއަށް ނިސްބަތްވާ 25 އަހަރުގެ އިސްމާއިލް އަބާން އަބްދުﷲ އާއި ސ. މަރަދޫއަށް ނިސްބަތްވާ 19 އަހަރުގެ އަހުމަދު ދާން ފަރްހޫދު އެވެ.

ފުލުހުން މި ދެ މީހުން ހައްޔަރުކުރީ މަސްތުވާތަކެތި އެތެރެކުރި ފަރާތްތައް ދެނެގަތުމަށް ހިންގި ކޮންޓްރޯލް ޑެލިވަރީ އޮޕަރޭޝަނެއްގެ ތެރެއިން އެ ތަކެއްޗާ ހަވާލުވުމުންނެވެ. މި މައްސަލައިގައި ހައްޔަރުކުރި ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ކްރިމިނަލް ކޯޓުން ވަނީ އެ ދެ މީހުންގެ ބަންދަށް ފަސް ދުވަހުގެ މުއްދަތެއް ޖަހައިދީފަ އެވެ.

މި މައްސަލައިގައި ފުލުހުން ވަނީ ކަސްޓަމްސްގެ ރިޕޯޓާއި، މުދާ ކްލިއަރ ކުރުމަށް ހަވާލުވެހުރި ފަރާތުގެ ބަޔާނުގެ އިތުރުން ތަހުގީގަށް ބޭނުންވާ މުހިންމު ލިޔެކިޔުންތައް ކޯޓަށް ހުށަހަޅާފަ އެވެ. އަތުލައިގަތް މަސްތުވާތަކެތީގެ ބާވަތް އަދި ސާފުނުވި ނަމަވެސް، ފަހަކަށް އައިސް ރާއްޖެއަށް އެތެރެކުރަނިކޮށް އަތުލައިގަންނަ މަސްތުވާތަކެތީގެ އަދަދު ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ.