މިއަހަރު ރާއްޖެއިން ހައްޖުގެ މަތިވެރި އަޅުކަމަށްދާ ހައްޖާޖީން ފުރަން ހަމަޖެހިފައިވަނީ މެއި މަހުގެ 15 އިން 19 އަށް ކަމަށް މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން ހާމަކޮށްފި އެވެ. މިގޮތުން އެންމެ ފުރަތަމަ ފްލައިޓް 242 ހައްޖާޖީންނާއެކު ފުރާނީ މެއި މަހުގެ 15 ވަނަ ދުވަހު އެވެ.

ހައްޖާޖީން އުފުލުމުގެ އިންތިޒާމުތައް ހަމަޖައްސާފައިވަނީ ސައުދިއާ އެއާލައިން އަދި ރާއްޖޭގެ ގައުމީ އެއާލައިން މޯލްޑިވިއަން މެދުވެރިކޮށެވެ. މިދިޔަ އަހަރުން ފެށިގެން އަމަލުކުރަމުންދާ އުސޫލުގެ ދަށުން، ހައްޖާޖީންގެ 50 ޕަސަންޓު މީހުން ދަތުރުކުރާނީ ސައުދިއާ އެއާލައިންގަ އެވެ. އަދި ބާކީ 50 ޕަސަންޓު މީހުން ދަތުރުކުރާނީ މޯލްޑިވިއަންގަ އެވެ. މި އެއްބަސްވުމުގައި ހައްޖު ކޯޕަރޭޝަނުން ސޮއިކުރީ މިދިޔަ ނޮވެމްބަރު މަހު ޖިއްދާގައި ބޭއްވި "ހައްޖު ކޮންފަރެންސް އެންޑް އެގްޒިބިޝަން 2025" ގެ ތެރެއިންނެވެ.

ރާއްޖެއަށް މިއަހަރު ލިބިފައިވާ 1000 ހައްޖު ކޯޓާގެ ދަށުން ދަތުރުކުރާ ހައްޖާޖީންގެ ފްލައިޓްތައް މެއި 15، 17، 18 އަދި 19 ގައި ފުރުމަށް ވަނީ ތާވަލުކޮށްފަ އެވެ. އިސްލާމިކް އެފެއާޒް މިނިސްޓްރީ އާއި ހައްޖު ކޯޕަރޭޝަން ގުޅިގެން މިހާރު ދަނީ އެންމެ ފަހުގެ ތައްޔާރީތައް ވަމުންނެވެ. މިއަހަރުގެ އަރަފާތު ދުވަހަކީ މެއި މަހުގެ 26 ވަނަ ދުވަހެވެ. އަދި ހައްޖުގެ އަޅުކަން ނިންމުމަށްފަހު ހައްޖާޖީން އެނބުރި ރާއްޖެ އަންނަން ފަށާނީ ޖޫން މަހުގެ ތެރޭގަ އެވެ.