ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) ފެރީގެ ހިދުމަތުން މުޅި ރާއްޖެ ގުޅާލުމުގެ މަސައްކަތް މިއަހަރުގެ ޖޫން މަހުގެ ނިޔަލަށް ނިންމުމަށް މަސައްކަތް ކުރަމުންދާ ކަމަށް ޓްރާންސް ޕޯޓު މިނިސްޓްރީން ހާމަކޮށްފި އެވެ. މި މަސައްކަތުގެ ދަށުން މިހާރު ހިދުމަތް ނުފެށި ހުރި އަތޮޅުތަކުގައި ފެރީގެ ނިޒާމު ގާއިމުކުރުމުގެ މަސައްކަތް ބާރުސްޕީޑުގައި ކުރިއަށްދާ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.
ޓްރާންސް ޕޯޓު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އިބްރާހީމް ޔާސިރު ވިދާޅުވީ، މިހާރު ހިދުމަތް ނުފެށި އޮތް ކ، އދ، އއ އަދި ވ އަތޮޅުގައި މި ހިދުމަތް ފެށުމާއެކު މުޅި ރާއްޖެ އެއް ނެޓްވޯކަކުން ގުޅާލެވޭނެ ކަމަށެވެ. މީގެ އިތުރުން މި ހިނގާ މަހުގެ ތެރޭގައި މ. އަތޮޅުގައި އާރްޓީއެލްގެ ހިދުމަތް ފެށުމަށް ވަނީ ނިންމާފަ އެވެ. މި މަސައްކަތަށް ބޭނުންވާ ފެރީތައް ބަނުމާއި ދަތުރުތަކުގެ ރޫޓް މެޕްތައް އެކުލަވާލުމުގެ މަސައްކަތް އެމްޓީސީސީއާ ގުޅިގެން ދަނީ ކުރަމުންނެވެ.
ނަމަވެސް ބޭރުގެ ބައެއް ހާލަތްތަކާ ގުޅިގެން ފެރީ ބަނުމަށް ބޭނުންވާ ސާމާނު ގެނައުމުގައި ދަތިތަކެއް ހުރިކަން ޔާސިރު ފާހަގަކުރެއްވި އެވެ. "ފެރީތައް ބަނުމުގައި ލަސްކަމެއް އައިސްފައިވޭ. ވަރަށް ގިނަ ރޯމެޓީރިއަލްސް ގެންނަން މި ޖެހެނީ މެދުއިރުމަތީ ގައުމުތަކުން. ދަތުރުފަތުރަށް މިއައި ލޮޅުމުގެ ސަބަބުން ބައެއް ތަކެތި ލިބުމުގައި ދަތިތަކެއް އެބަހުރި،" ޑެޕިއުޓީ މިނިސްޓަރު ޔާސިރު ވިދާޅުވި އެވެ. އެހެންކަމުން ބައެއް ޝެޑިއުލްތައް ފަހަތަށް ޖެހުމުގެ ފުރުސަތު އޮތް ނަމަވެސް، ކޮންޓްރެކްޓަރާ ވާހަކަދައްކައިގެން މަސައްކަތް އަވަސްކުރުމަށް މިނިސްޓްރީން ދަނީ މަސައްކަތް ކުރަމުންނެވެ.
މި މަޝްރޫއަކީ ރައްޔިތުންނަށް ދަތުރުފަތުރުގެ ލުއިފަސޭހަކަން ހޯދައިދިނުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ހާއްސަ އިސްކަމެއް ދީގެން ކުރިއަށްގެންދާ މަސައްކަތެކެވެ. މިހާތަނަށް 15 އަތޮޅެއްގެ 145 ރަށަކަށް މި ހިދުމަތް ފޯރުކޮށްދީފައިވާއިރު، މުޅި ރާއްޖެ ގުޅާލުމަށްފަހު ދެން އޮތް މަރުހަލާއަކީ އެއް އަތޮޅުން އަނެއް އަތޮޅަށް ދަތުރުފަތުރުގެ ނިޒާމު ފުޅާކުރުން ކަމަށް ޓްރާންސް ޕޯޓު މިނިސްޓްރީން ބުންޏެވެ.]
