ތ. ވިލުފުށީ ކައުންސިލްގެ ރައީސްކަމަށް ހޮނިހިރު ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި އިންތިހާބުވެލެއްވި އިބްރާހިމް ނައީމް, (އިބުރާ ދޮންބެ)، އެ ރަށަކީ ރާއްޖޭގެ އެއްވަނަ ރަށަށް ހަދައިދޭނެ ކަމަށް ވިދާޅުވެއްޖެއެވެ.
އިންތިހާބު ކާމިޔާބު ކުރުމާ ގުޅިގެން އާއިލާއިން އިންތިޒާމުކުރި ހަވީރީ ސައެއްގައި ވާހަކަދައްކަވަމުން އިބުރާ ދޮންބެ ވިދާޅުވީ މި ކާމިޔާބީ އަކީ ހަމައެކަނި އޭނާއަށް ލިބުނު ކާމިޔާބީއެއް ނޫން ކަމަށާއި މިއީ މުޅި ވިލުފުއްޓަށް ލިބުނު ކާމިޔާބީއެއް ކަމަށެވެ. އަދި ރަށަށް ބޭނުންވާ ތަރައްގީ ގެނައުމަށްޓަކައި ސަރުކާރުގެ އެހީތެރިކަން ހޯދުމަށް ރައީސް މުއިއްޒު އާ ބައްދަލުކުރައްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ރައީސް އާ ބައްދަލުކޮށް ވިލުފުއްޓަށް ބޮޑެތި ކަންތައްތަކެއް ކޮށްދިނުމަށް އެދޭނެކަން ފާހަގަކުރައްވަމުން އިބުރާ ދޮންބެ ވިދާޅުވީ, ވިލުފުއްޓަށް ބޭނުންވަނީ އާދައިގެ އެއާޕޯޓެއް ނޫން ކަމަށާއި ބޭނުންވަނީ އިންޓަނޭޝަނަލް އެއާޕޯޓެއް ކަމަށެވެ. މީގެ އިތުރުން ރަށުގައި ރަނގަޅު ފެންވަރުގެ ހޮސްޕިޓަލެއް އެޅުމާއި، ޓޫރިޒަމްގެ މަސައްކަތްތައް ރަށުގައި ފެށުމަށް ސަރުކާރުގައި އެދޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
"މިހާރު ރައީސުލްޖުމްހޫރިއްޔާ އަށް ވެސް އެނގިވަޑައިގަންނަވާނެ މިއީ ރަށެއްކަން. ހަމަ ކޮންމެ ރަށެއް ނޫންކަން،" އިބުރާ ދޮންބެ ވިދާޅުވިއެވެ
އޭނާ އިތުރަށް ވިދާޅުވީ، އިރާދަކުރެއްވިއްޔާ އޭނާގެ މި ދައުރުގައި ވިލުފުއްޓަކީ ތަރައްގީގެ ގޮތުން އެންމެ ކުރީގައި އޮންނާނެ އެއްވަނަ ރަށަށް ހަދައިދެއްވާނެ ކަމަށެވެ.
