ބަލިމީހުންނާއި ޑޮކްޓަރުންގެ ދެމެދު އުފެދޭ ގުޅުމުގެ ފެށުމަކީ އެންމެ ފުރަތަމަ ޑޮކްޓަރު އަޅާ ކަށިގަނޑޭ ބުނުމަކީ ދޮގަކަށް ނުވާނެއެވެ. ލޭގެ ޕްރެޝަރ ބެލުމާއި، ހަށިގަނޑުގެ ފިނިހޫނުމިން ބެލުން ފަދަ ކަންކަމަކީ ޒަމާނުއްސުރެ، ޑޮކްޓަރުގެ އަމިއްލަ އަތުން ނޫނީ ކޮށްނުދޭ ހިތްހެޔޮ ކަންތައްތަކެވެ. ބައެއް ފަހަރު ޑޮކްޓަރ ފެނުމާއެކު ބަލިން ފަސޭހަވާ އިހުސާސް ކުރެވުމަކީ ވެސް ދިމާވާ ކަމެއް ނޫންތޯއެވެ؟

ފާއިތުވި އަހަރު ދުނިޔެ ވަނީ ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހިފައެވެ. އިޤްތިޞާދީ ގޮތުންނާއި އިޖްތިމާޢީ ގޮތުންނެވެ. މީގެތެރެއިންވެސް އެންމެ ބޮޑު ގޮންޖެހުމެއް ދިމާވީ ޞިއްޙީ ދާއިރާއަށެވެ. ޞިއްޙީގޮތުން ހަރަކާތްތެރިވާ ޑޮކްޓަރުންނާއި ނަރުހުންނަށެވެ. ޞިއްޙީ މަސައްކަތްތެރިންނާއި ދާއިރާގައި ކިޔަވާ ކުދިންނަށެވެ. ހޮސްޕިޓަލްތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނާއި އެމްބިއުލެންސް ދުއްވާ ޑްރައިވަރުންނަށެވެ. ފުރާނައަށް ނުރައްކާވާ ވަރުގެ ބައްޔެއް ނުވަތަ ހާލަތެއް ދިމާވެގެން ނޫނީ ހޮސްޕިޓަލަށް ދިއުން ހުއްޓާލަން ޖެހުނެވެ. ވަކި ޚާއްޞަ ޕީޕީއީ ކިޓްތަކެއް ލާން ޖެހުނެވެ. އެއާއެކު، ބަލިމީހުންނާ ހިސާބަށް އަވަހަށް ވާސްލިވުމަށް ނުވަތަ ފަރުވާ ދިނުމަށް ޓެލެމެޑިސިންގެ ޚިދުމަތް ބޭނުންކުރަން ފެށިއެވެ. ޓެލެމެޑިސިން އަކީ އަބަދުވެސް ބޭނުންކުރެވެމުން އައި ޚިދުމަތެކެވެ. ދުނިޔޭގެ އެކި ހޮސްޕިޓަލްތަކުގައި އެއް ޑޮކްޓަރ އަނެއް ޑޮކްޓަރގެ ލަފާ ހޯދުމަށް ނުވަތަ ދެ ގައުމެއްގައި ތިބި ޑޮކްޓަރއަކާއި ބަލިމީހަކާ ގުޅުވާލަދިނުމަށް ބޭނުންކުރެވޭ މުހިއްމު ވަސީލަތެކެވެ.

ކަންމިހެން އޮތްއިރު ފަހުގެ ތާރީޚެއްގައި މި ވަސީލަތުގެ ބޭނުން މިހާ މުހިއްމުވީ ކޮވިޑް-19 ގެ ސަބަބުންނެވެ. އެ ބައްޔަށް ފަރުވާ ދިނުމަށް އެންމެ ރަނގަޅީ ޑޮކްޓަރާއި ބަލިމީހާ ބައްދަލު ނުވެ ކަމަށް ވާތީއެވެ. ވީޑިއޯ ކޯލްގެ ޒަރީޢާއިން ބަލީގެ އަލާމާތްތައް ދެނެގަނެ ބައްޔަށް ފަރުވާކުރުމުގައި ހުރަސްތަކެއް ދިމާ ނުވާތީއެވެ. ކޮވިޑް ބަލި އެންމެ ފަސޭހައިން ފެތުރޭ އެއް ތަނަކީ ހޮސްޕިޓަލްތައް ކަމަށް ވުމުން ޓެލެމެޑިސިންގެ ޚިދުމަތް އިޓަލީ އަދި އެމެރިކާ ފަދަ ގައުމުތަކުގައި މިހާރު ވަނީ ފަށާފައެވެ.

މި ކަމުގެ ސަބަބުން ޞިއްޙީ ދާއިރާއަށް ބޭނުންވާ މެޝިނަރީ އުފައްދާ ކުންފުނިތަކުން މިހާރު ވަނީ ޓެލެމެޑިސިންއަށް ޚާއްޞަކޮށްގެން އާ އުފެއްދުންތައް ފަރުމާ ކުރަން ފަށާފައެވެ. އެމެރިކާގެ ވޮޝިންގޓަންގައި މިހާރު ވަނީ ކޮވިޑް-19 އަށް ގޭގައި އަމިއްލައަށް ޓެސްޓް ކޮށްލެވޭ ފަދަ ކިޓެއް އީޖާދުކޮށް ގޭގެއަށް ޑެލިވަރީ ކުރަންވެސް ފަށާފައެވެ.

މީގެ އިތުރުން ޑިޖިޓަލް ޑޮކްޓަރ ނުވަތަ ޗެޓްބޮޓްތައް އުފެއްދުމުގެ މަސައްކަތްތައް ވެސް ނިމި މިހާރު ދަނީ ޓެސްޓް ކުރެވެމުންނެވެ. މިއީ ބަލި މީހާގެ އަލާމާތްތައް ހިއްސާކުރުމުން ވަގުތުން ޑޮކްޓަރުންގެ ޑޭޓާބޭސްއަކަށް ރިއާޔަތްކޮށް ބައްޔަށް ބޭނުންވާ ބޭހާއި ފަރުވާގެ ތަފްޞީލް ކުޑަ ވަގުތުކޮޅެއްގެ ތެރޭ ދޭ ޑިޖިޓަލް ޕްރޮގްރާމްއެކެވެ.

ހަމަ މިއާއެކު، އަތުކުރީގައި އަޅާ ސްމާޓް ގަޑިތަކުން އަބަދުވެސް މީހާގެ ހިތުގެ ވިންދާއި އަދި ފިނިހޫނުމިން މޮނީޓަރ ކޮށް ހާލަތު ގޯސްވާނަމަ އެންމެ ކައިރީގައ ހުންނަ ހޮސްޕިޓަލްތަކަށް އެމްބިއުލާންސް ފޮނުވުމަށް މެސެޖް ފޮނުވާލަދޭ ޕްރޮގްރާމެއްވެސް ދަނީ ފަރުމާކުރަމުންނެވެ.

މިފަދަ ބޮޑެތި އިންގިލާބީ ބަދަލުތައް ޞިއްޙީ ދާއިރާއަށް އަންނަމުން ދާއިރު ފާހަގަކޮށްލަން ޖެހޭ ކަމަކީ މިއީ ދުނިޔޭގެ ހުރިހާ ގައުމުތަކުން އަދި ތައްޔާރުވެފައިވާ ބަދަލުތަކެއް ނޫންކަމެވެ. ބައެއް ގައުމުތަކުގައި އަދިވެސް ޞިއްޙީ މުހިއްމު އަސާސީ ވަޞީލަތްތައް މަދެވެ. ބޮޑެތި ބަލި ބަލީގެ ފަރުވާ ހޯދުމަށް ދާންޖެހެނީ މާ ދުރުގައި އޮންނަ ގައުމުތަކަށެވެ. ދިވެހިރާއްޖޭގެ ގިނަ ރަށްރަށުގައި ޞިއްޙީ ވަޞީލަތްތައް އަދިވެސް އެންމެ ފުރިހަމަ ނުވާކަމުގެ އެއް ހެއްކަކީ ޞިއްޙީ ކަންކަމުގައި ވެރިރަށް މާލެއަށް ބަރޯސާވާންޖެހޭ މިންވަރު ކުޑަ ނުވާތީއެވެ. ނަމަވެސް ފާހަގަ ކޮށްލަންޖެހެނީ ރާއްޖޭގެ ގިނަ ކްލިނިކްތަކުންނާއި ހޮސްޕިޓަލްތަކުން ޓެލެމެޑިސިން މެދުވެރިކޮށް އެކި ރަށްރަށުގައި ތިބި ބަލި މީހުންނަށް ފަރުވާދޭން ފަށާފައިވާ ކަމެވެ. މި ކަމުގައި ޞިއްޙީ ދާއިރާގައި މަސައްކަތްކުރާ އެންމެހައި ފަރާތްތަކަށް ޝުކުރު ޙައްޤެވެ.