ރާއްޖޭގެ ދެ އެއާޕޯޓެއް ކަމަށްވާ ހަނިމާދޫ އަދި ކޫއްޑޫ އެއާޕޯޓުގެ ސެކިއުރިޓީ ބެލެހެއްޓުމަށް ބޮޑު މުސާރައަކާއެކު މުވައްޒަފުން ހޯދަން އޭވިއޭޝަން އެންޑް ޕޯޓް ސެކިއުރިޓީ ކޮމާންޑުން އިއުލާނުކޮށްފިއެވެ.
އެ ކޮމާންޑުން ބުނީ މި ފަހަރު ހުޅުވާލާފައިވަނީ ހަނިމާދޫ އެއާޕޯޓަށް 10 އެވްސެކް ޓްރެއިނީން އަދި ކޫއްޑޫ އެއާޕޯޓަށް 3 އަންހެން އެވްސެކް ޓްރެއިނީން ހޯދުމަށް ކަމަށެވެ. މިއީ އެ ދެ ސަރަހައްދުގެ އެއާޕޯޓުތަކުގެ ސަލާމަތީ ކަންކަން އިތުރަށް ހަރުދަނާ ކުރުމުގެ ގޮތުން ކުރިއަށް ގެންދާ މަސައްކަތެކެވެ.
މި ވަޒީފާތަކަށް ހޮވޭ މީހުންނަށް އަސާސީ މުސާރައިގެ ގޮތުގައި މަހަކު 7،670 ރުފިޔާ ލިބޭނެއެވެ. މީގެ އިތުރުން ސާވިސް އެލަވަންސްގެ ގޮތުގައި 2،300 ރުފިޔާ އާއި، ޑިއުޓީއަށް ނުކުންނަ ކޮންމެ ދުވަހަކަށް 160 ރުފިޔާ ލިބޭނެއެވެ. މި ފައިސާގެ އިތުރުން އިތުރުގަޑީގެ ފައިސާއާއެކު މަހެއްގެ މައްޗަށް 14،000 އަށްވުރެ ގިނަ ރުފިޔާ ލިބޭނެ ކަމަށް އަންދާޒާ ކުރެވެއެވެ.
މި ވަޒީފާތަކަށް ކުރިމަތިލެވޭނީ އުމުރުން 18 އަހަރާއި 35 އަހަރާ ދެމެދުގެ މީހުންނަށެވެ. އަދި އިސްކޮޅުގައި ފަސް ފޫޓު ހުންނަން ޖެހޭނެ ކަމަށްވެސް އޭވިއޭޝަން އެންޑް ޕޯޓް ސެކިއުރިޓީ ކޮމާންޑުން ބުންޏެވެ. ވަޒީފާއަށް ޝައުގުވެރިވާ މީހުންނަށް ފޯމު ހުށަހެޅުމުގެ ސުންގަޑިއަކީ މި މަހުގެ 13 ވަނަ ދުވަހެވެ.
