ސޯޝަލް މީޑިއާ ޕްލެޓްފޯމެއް ކަމަށްވާ ފޭސްބުކް މާކެޓް ޕްލޭސް މެދުވެރިކޮށް ހިންގާ އާ ސްކޭމަކަށް ސަމާލުވުމަށް ފުލުހުން އެދިއްޖެއެވެ. "ރިޕެއާ ސްކޭމް" ގެ ނަމުން ނަންދީފައިވާ މި އަމަލަކީ އޮންލައިންކޮށް މުދާ ވިއްކާ މީހުންގެ އިތުބާރު ހޯދައިގެން މަކަރާއި ހީލަތުން ފައިސާ ހޯދުމަށް ބޭނުންކުރާ އާ އުކުޅެކެވެ.

މި ސްކޭމް ހިންގާ ގޮތުގެ ތަފްސީލު ދެމުން އެންޓި ސްކޭމް ސެންޓަރުން ބުނީ، ސްކޭމަރުން އެންމެ ފުރަތަމަ އަމާޒުކުރަނީ މާކެޓް ޕްލޭސްގައި ވިއްކާލާފައިވާ ކަމަށް ޖަހާފައިވާ ތަކެއްޗަށް ކަމަށެވެ. އެއަށްފަހު އެ ތަކެތި ވިއްކި ފަރާތަށް ގުޅައި، އެއީ އެ މީހުން މަރާމާތުކުރި އެއްޗެއް ކަމަށް ބުނެ އޮޅުވާލައިގެން "ރިޕެއާ ފީ" ދެއްކުމަށް އެދެއެވެ. އަދި ބައެއް ފަހަރު މީހުންނަށް އޮޅުވާލުމަށްޓަކައި ފޭކް ރިސިޕްޓް ނުވަތަ އިންވޮއިސް ވެސް ފޮނުވާ ކަމަށް ފުލުހުންގެ ތަހުގީގުތަކަށް ވަނީ ފާހަގަކުރެވިފައެވެ.

ފުލުހުންގެ އޮފީހުން ބުނީ، މިއީ މުދާ ވިއްކާ ފަރާތްތަކަށް ކުއްލި ސިހުމެއް ގެނުވައި، އަވަސް އަވަހަށް ފައިސާ ޖަމާކުރުމަށް މަޖުބޫރުކުރުވާ ގޮތަށް ފަރުމާކޮށްފައިވާ ކަމެއް ކަމަށެވެ. އެހެންކަމުން ފައިސާ ފޮނުވުމުގެ ކުރިން މައުލޫމާތު ކަށަވަރުކުރުމަށާއި، ފައިސާ ޖަމާކުރަން ބުނާ އެކައުންޓަކީ ސްކޭމްގެ ރިޕޯޓް ލިބިފައިވާ އެކައުންޓެއްތޯ ބެލުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.