ނިމިދިޔަ މާރިޗް މަހުގެ ތެރޭގައި ފުލުހުންނަށް ޖުމްލަ 960 މައްސަލަ ހުށަހަޅާފައިވާއިރު، އޭގެ ތެރެއިން އެންމެ ގިނައީ ވައްކަމުގެ މައްސަލަތައް ކަމަށް ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. ފުލުހުން އާންމުކުރި މައުލޫމާތުތަކަށް ބަލާއިރު، މާރިޗް މަހު ވައްކަމުގެ 281 މައްސަލަ ރިޕޯޓުކޮށްފައިވެއެވެ. ދެން އެންމެ ގިނައިން ހުށަހަޅާފައިވަނީ ޓްރެފިކް އެކްސިޑެންޓްތަކުގެ މައްސަލަތަކެވެ. އެގޮތުން އެކްސިޑެންޓްގެ 269 މައްސަލަ އެ މަހުގެ ތެރޭގައި ފުލުހުންނަށް ވަނީ ހުށަހަޅާފައެވެ.
ތަފާސްހިސާބުތަކުން އެނގޭ ގޮތުގައި ތިންވަނައަށް އެންމެ ގިނައިން ހުށަހަޅާފައިވަނީ މަސްތުވާތަކެތީގެ މައްސަލަތަކެވެ. އެގޮތުން މަސްތުވާތަކެތީގެ 128 މައްސަލަ މާރިޗް މަހު ހުށަހަޅާފައިވެއެވެ. މީގެ އިތުރުން، އެއްޗެހި ގެއްލިގެން 81 މައްސަލަ، މުދަލަށް ގެއްލުން ދިނުމުގެ 61 މައްސަލަ، އަދި އަނިޔާކުރުމުގެ 27 މައްސަލަ ހިމެނެއެވެ. އަދި ޖިންސީ ގޯނާ ކުރުމުގެ 20 މައްސަލަ އާއި ފޭރުމުގެ 12 މައްސަލައިގެ އިތުރުން ފޯޖް ކުރުމުގެ 2 މައްސަލަ ވެސް އެ މަހު ވަނީ ފުލުހުންނަށް ރިޕޯޓުކޮށްފައެވެ.
ފުލުހުންގެ ރެކޯޑުތަކަށް ބަލާއިރު، ރާއްޖޭގައި އަބަދުވެސް އެންމެ ގިނައިން ރިޕޯޓުކުރެވެނީ ވައްކަމުގެ މައްސަލަތަކެވެ. އެގޮތުން ވައްކަމުގެ މައްސަލަތައް އަހަރަކު އެވްރެޖްކޮށް 3،000 އިން މަތީގައި އުޅޭއިރު، 2025 ވަނަ އަހަރު ނިމުނުއިރު ޖުމްލަ 3،477 ވައްކަމުގެ މައްސަލަ ހުށަހަޅާފައިވެއެވެ. މިފަދަ ކުށްތައް މަދުކުރުމަށްޓަކައި ރަށްރަށުގެ ކައުންސިލްތަކާއި ކަމާ ގުޅޭ އިދާރާތަކާ ގުޅިގެން ފުލުހުން އަންނަނީ މެދުކެނޑުމެއް ނެތް މަސައްކަތްތަކެއް ކުރަމުންނެވެ.
