ރާއްޖޭގެ ބާޒާރުން ބައެއް ބާވަތްތަކުގެ ބޭސް ލިބުމުގައި ހުރި ދަތިތަކަށް ހައްލެއް ހޯދުމުގެ ގޮތުން، ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން (ސްޓޭޓް ފާމާ) އިން ހާއްސަ ހޮޓްލައިނެއް ގާއިމުކޮށްފިއެވެ. މި ހިދުމަތަކީ ބޭސް ނުލިބިގެން އާންމުން ކުރާ ޝަކުވާތައް އަޑުއަހައި، އެކަމަށް އަވަސް ހައްލެއް ހޯދައިދިނުމަށް އެ ކުންފުނިން ފެށި މަސައްކަތެކެވެ.
ދައުލަތުގެ މީޑިއާ މެދުވެރިކުރައްވައި މިކަން ހާމަކުރައްވަމުން ސްޓޭޓް ފާމާގެ މެނޭޖިން ޑިރެކްޓަރު ޑރ. ޝާހު މާހިރު ވިދާޅުވީ، އަލަށް ލޯންޗުކުރި 1505 ނަންބަރަކީ 24 ގަޑިއިރު ހިދުމަތް ދޭނެ ހޮޓްލައިަނެއް ކަމަށެވެ. މީގެ އިތުރުން ބޭސް ސިޓީ އަޕްލޯޑް ކުރެވޭނެ ޕޯޓަލްއެއް ވެސް މިހާރު ވަނީ ތައާރަފުކޮށްފައެވެ. ރާއްޖެއިން ލިބެން ހުރި ބޭސްތަކުގެ މައުލޫމާތު އޮންލައިންކޮށް ބެލޭނެ ޒަމާނީ ނިޒާމެއް ގާއިމުކުރުމުގެ މަސައްކަތް ވެސް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.
ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަނަކީ ރާއްޖެއަށް ބޭނުންވާ ބޭސް މެދުނުކެނޑި ފޯރުކޮށްދިނުމަށްޓަކައި މިދިޔަ އަހަރު އުފެއްދި ކުންފުންޏެކެވެ. މި ކުންފުނީގެ މައިގަނޑު މަގުސަދަކީ ބޭސް އެތެރެކުރުމުގެ ނިޒާމު ހަރުދަނާކޮށް، ބޭސް ނުލިބުމުގެ ޝަކުވާތަކަށް ދާއިމީ ހައްލެއް ހޯދައިދިނުމެވެ.
