"ދެބުރި ދެކުލަ" އޭ ބުނުމުން ކޮންމެ މީހަކަށްވެސް ފުރަތަމަ ސިފަވާނީ ކޮންމެވެސް ބޭސްގުޅައެކެވެ. ކެޕްސޫލެކެވެ. ބީކޯ ކެޕްސޫލެކެވެ. ނުވަތަ ބޭރަށް ހިނގާތީ ދޭ އިމޯޑިއަމް ކެޕްސޫލެއްކެވެ. ނަމަވެސް ދެބުރި ދެކުލައިގެ ސިޔާސަތަކީ ހަމައެކަނި ބޭސްއުފެއްދުމުގެ ފަންނުގައި އޮތް ކަމެއް ނޫނެވެ. މިއީ އަދުގެ މުޖުތަމައުގައި ބައެއް މީހުންގެ އުޅުމާއި ގުޅުމުގައި "ސްޓައިލެއްގެ" ގޮތުގައި ގެންގުޅޭ ވަރަށް ފުރިހަމަ ސިފައެކެވެ.
މި ދެންނެވި "ދެބުރި ދެކުލަ" މީހުންގެ ތެރޭގައި އެންމެ ފާހަގަކޮށްލެވެނީ ކޮފީ މޭޒުތަކުގެ ފަންނާނުން ނެވެ. މިވެރިން ތިބޭއިރު ހީވާނީ ދުނިޔޭގެ ހުރިހާ އިލްމެއް އުނގެނިގެން ތިބި ބައެއް ހެންނެވެ. ކުރިމަތީގައި އިންނަ މީހާގެ ކޮނޑުގައި އަތް ބާއްވާލައިގެން، "ތިޔައީ ހަމަ އަހަރެންގެ އާއިލާ މީހެއް ފަދަ މީހެކޭ" ބުނެ ހިނިތުންވެފައި ހުންނައިރު، އޭނާ އެތަނުން ތެދުވެގެން ދާން ފަށާ ހިސާބުން އަނެއް ބުރީގެ ކުލަ ފެންނަން ފަށައެވެ. ދެން ދެކެވޭނީ އޭނާގެ ހުރިހާ އުނި ސިފަތަކުގެ ވާހަކައެވެ.
އޮފީސް މާހައުލަށް ބަލާއިރުވެސް މި "ދެބުރި ދެކުލަ" ވަރަށް ގަދައަށް ފެނެއެވެ. ބޮޑު މީހާގެ ކުރިމަތީގައި "ޔެސް ސަރ" އޭ ބުނެ ސަނާ ކިޔަމުންދާ އިރު، އެމީހާ ކޮޓަރިން ނުކުންނަ އިރަށް، އެމީހާގެ ނިންމުންތަކަކީ އެއްވެސް އޮއްޓަރެއް ނެތް އެއްޗެއްގެ ގޮތުގައި ސިފަކުރަން ފަށައެވެ. މިއީ ހަމަ އަސްލުވެސް އަޖައިބުވާފަދަ "ކުލަ ބަދަލުކުރުމުގެ" ހުނަރެކެވެ.
ސޯޝަލް މީޑިއާއަކީ މި ކުލަވަރު އެންމެ ބޮޑަށް ފެންނަ މައިދާނެވެ. ފޭސްބުކްގައި ލިޔާ ސްޓޭޓަސްތަކުން ހީވާނީ އެއީ ހަމަ އުޑުން ފޭބި މަލާއިކަތުންތަކެއް ހެންނެވެ. އަބަދުވެސް އިސްލާހީ ވާހަކައާއި، ތެދުވެރިކަމުގެ ވާހަކައެވެ. ނަމަވެސް އަސްލު ދިރިއުޅުމުގައި އެމީހުންގެ އަނެއްބުރި ބަލާލައިފިނަމަ، އެ ކިޔާ ވާހަކައާއި ކުރާ އަމަލާ ދިމާވަނީ ހާލަކުން ފަހަރަކުއެވެ.
މިފަދަ މީހުންގެ ސަބަބުން މުޖުތަމައުގައި އިތުބާރު ގެއްލި، މީހުންނާ މެދު ޝައްކު އުފެދޭ ގޮތްވެއެވެ. ކޮންމެ މީހަކީވެސް އެމީހެއްގެ އަސްލު ކުލައިގައި ހުންނަ މީހަކަށް ވުމަކީ، ދެބުރިއަށް ދެކުލަ ލައިގެން މީހުންގެ ލޮލުގައި އަނދުން އެޅުވުމަށްވުރެ މާ މާތް އަދި އަގުހުރި ކަމެކެވެ. ސަމާސާއަކަށް ބުނާނަމަ، ބޭސް ކެޕްސޫލެއްގައި ދެބުރި ދެކުލައިގައި ހުރުމުން ބަލާލަން ރީތިވެދާނެއެވެ. ނަމަވެސް އިންސާނެއްގެ ކިބައިގައި އެ ސިފަ ހުރުމުން އެއީ ރީތިކަމުގެ ޑިޒައިނެއް އެއް ނޫނެވެ، އެއީ "ޑިފެކްޓް" އެކެވެ. އައިބެކެވެ. އުނިކަމެކެވެ. ނުކުޅުންތެރިކަމެކެވެ.
