ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން ވަރުގަދަކުރުމަށް އިންޑިއާ ކަނޑުގެ ގައުމުތަކާއެކު އިންޑިއާގެ ނޭވީން ކުރިއަށްގެންދާ 'އައިއޯއެސް ސާގަރު' އިނީޝިއޭޓިވްގެ ދަށުން، 16 ގައުމެއްގެ ކަނޑުގެ ސިފައިންނާއެކު އިންޑިއާގެ މަނަވަރެއް މިއަދު ރާއްޖެ އަތުވެއްޖެއެވެ. މި މަނަވަރު ރާއްޖެއަށް އައުމުން މަރުހަބާ ކިޔުމަށްޓަކައި އިންޑިއާ އިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޖީ. ބަލަސުބްރަމާނިއަން ވަނީ މަނަވަރަށް ވަޑައިގެންފައެވެ.
މި ދަތުރަކީ އިންޑިއާ ކަނޑުގެ ސަރަހައްދުގެ ސަލާމަތީ ކަންކަން ގުޅިގެން ބެލެހެއްޓުމަށް އިންޑިއާއިން އިސްވެ ގެންގުޅޭ ސިޔާސަތު ދެމެހެއްޓުމުގެ ގޮތުން ކުރާ ދެވަނަ ދަތުރެވެ. މި ފަހަރުގެ ޕްރޮގްރާމުގައި އިންޑިއާ ހިމެނޭހެން 16 ގައުމަކުން ޖުމްލަ 37 ނޭވީ އޮފިސަރުން ބައިވެރިވާއިރު، މީގެ ތެރޭގައި ރާއްޖޭގެ އެމްއެންޑީއެފްގެ ދެ އޮފިސަރުން ވެސް ހިމެނެއެވެ. ބައިވެރިވާ އެހެން ގައުމުތަކުގެ ތެރޭގައި ޔޫއޭއީ، އިންޑޮނޭޝިއާ، މެލޭޝިއާ، ސިންގަޕޫރު އަދި ބަންގްލަދޭޝް ފަދަ ގައުމުތައް ހިމެނެއެވެ.
މި އިނީޝިއޭޓިވްއަކީ "ސަރަހައްދީ ހުރިހާ ގައުމަކަށް ކުރިއެރުމާއި ރައްކާތެރިކަން" ފޯރުކޮށްދިނުމުގެ ތަސައްވުރުގެ ދަށުން ހިންގާ ހަރަކާތެކެވެ. މި ޕްރޮގްރާމުގެ ތެރެއިން އެކުވެރި ގައުމުތަކުގެ ސިފައިންނަށް އިންޑިއާގެ ނޭވީ މަނަވަރުތަކުގައި އަމަލީ ތަމްރީނުތަކާއި ތަޖުރިބާ ހޯދުމުގެ ފުރުސަތު ލިބިގެންދާނެއެވެ. މި ދަތުރުގައި އެކި ގައުމުތަކުގެ ބަނދަރުތަކަށް ޒިޔާރަތްކޮށް، ސަރަހައްދީ ނޭވީތަކާއި ކަނޑުގެ ސަލާމަތީ އިދާރާތަކާ ބައްދަލުކުރުމަށް ވަނީ ހަމަޖެހިފައެވެ.
