ކާބޯތަކެތީގެ ހިދުމަތް ދިނުމުގައި 55 އަހަރަށްވުރެ ދިގު މުއްދަތެއްގައި މަސައްކަތް ކުރެއްވި، މައްޗަންގޮޅީ އަހްމަދު އާދަމް (ޕީޓްރަލް އަހްމަދުބެ) ނިޔާވެއްޖެއެވެ. އަހްމަދުބެ ނިޔާވުމާ ގުޅިގެން ރައީސް މުއިއްޒު ވަނީ އެ އާއިލާއަށާއި މައްޗަންގޮޅީގެ ރައްޔިތުންނަށް އިހުލާސްތެރިކަމާއެކު ތައުޒިޔާ ފޮނުއްވާފައެވެ.
ރައީސް މުއިއްޒު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އަހްމަދުބެ އަކީ ހިތްޕުޅު ހެޔޮ، ހީވާގި އަދި އިޖުތިމާއީ ހިދުމަތުގައި ނަމޫނާ ޝަހުސިއްޔަތެއް ކަމަށެވެ. މާލެއަށް މަޝްހޫރުވި "ގުރާބުތުނޑި ހޮޓާ" އަށްފަހު، ގިނަ ބައެއްގެ އިތުބާރު ލިބިފައިވާ "ހޮޓެލް ޕީޓްރަލް" އުފައްދަވައި، ކޭޓަރިން ދާއިރާގައި ސަރުކާރުގެ ބޮޑެތި އިދާރާތަކަށް އޭނާ ވަނީ ދިގު މުއްދަތެއްގައި ހިދުމަތް ދެއްވާފައެވެ.
ކާބޯތަކެތީގެ ވިޔަފާރީގެ އިތުރުން، އަހްމަދުބެ އަކީ ކުޅިވަރުގެ ދާއިރާއިން ކްލަބް ލެގޫންސާއި ވިކްޓްރީ ސްޕޯޓްސް ކްލަބަށް ބޮޑެތި އެހީތަކެއް ވެދެއްވި ބޭފުޅެކެވެ. އަދި ހަތްދިހައިގެ އަހަރުތަކުން ފެށިގެން ލޮނުމަސް އެޅުން ފަދަ ދިވެހި އުފެއްދުންތަކުގެ މަސައްކަތް ކުރައްވައި، މައްޗަންގޮޅީ އަވަށް ކުރިއެރުވުމަށް ގިނަ ހިދުމަތްތަކެއް އޭނާ ވަނީ ކޮށްދެއްވާފައެވެ.
