ކުޅިވަރަކީ ޒުވާނުން ބާރުވެރިކުރުވާ ގައުމީވަންތަކަމުގެ މުހިންމު ތަނބެއް: ރައީސް މުއިއްޒު

ބައިނަލްއަގުވާމީ ކުޅިވަރު ދުވަހުގެ މުނާސަބަތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރެއްވި ޓުވީޓެއްގައި، ކުޅިވަރަކީ ގައުމީވަންތަކަމުގެ މުހިންމު ތަނބެއް ކަމަށާއި އެއީ ޒުވާނުން ބާރުވެރިކުރުވާ ކަމެއް ކަމަށް ވިދާޅުވެއްޖެއެވެ. އަދި ކުޅިވަރަކީ މުޖުތަމައުގެ ގުޅުން ބަދަހިކޮށްދޭ މުހިންމު ބާރެއް ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ކުޅިވަރުގެ ސަބަބުން ޒުވާނުންގެ ކިބައިގައި ރަނގަޅު އަހުލާގާއި، ކެތްތެރިކަމާއި، ގުޅިގެން މަސައްކަތްކުރުމުގެ ރޫހު އުފެދިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ. މީގެ އިތުރުން، މިކަމުގެ ސަބަބުން ޒުވާނުންނަށް ދުޅަހެޔޮ އަދި ބޭނުންތެރި ދިރިއުޅުމެއް އުޅުމަށް މަގުފަހިވެ، ގައުމުގެ ތަރައްގީއަށް ފައިދާހުރި މަސައްކަތްތަކެއް ކުރުމުގެ ބާރު ލިބިގެންދާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ދުޅަހެޔޮ ގައުމެއް ބިނާކުރުމަށާއި، ޒުވާނުންގެ ކުރިއެރުމަށް އަދި އިގުތިސާދީ ކުރިއެރުން ހޯދުމަށް ކުޅިވަރުގެ ދާއިރާ ކުރިއެރުވުމަށް ސަރުކާރުން ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމުގެ ޔަގީންކަން ރައީސް މުއިއްޒު ވަނީ ދެއްވާފައެވެ. އަދި ކުޅިވަރުގެ ބާރު ބޭނުންކޮށްގެން ގައުމަށް އިތުރު ކާމިޔާބީތަކާއި ދާއިމީ ސުލްހަވެރިކަން ހޯދުމަށް އެމަނިކުފާނު ވަނީ އެންމެހާ ރައްޔިތުންނަށް ގޮވާލައްވާފައެވެ.