މާލޭގެ ހެންވޭރު ކަޅުހުރާ މަގުގައި ހުރި ގެއެއްގެ ކައިރިން، އަނގައިން ލޭ އައިސް ހަބަރު ހުސްވެފައި އޮތް ބިދޭސީ ފިރިހެނަކު ފެނުނު މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފިއެވެ. އޭނާ ފެނުމާއެކު ވަގުތުން ވަނީ އައިޖީއެމް ހޮސްޕިޓަލަށް ގެންގޮސް ފަރުވާދޭން ފަށާފައެވެ.
ފުލުހުން ބުނީ، މި ހާދިސާގެ މައުލޫމާތު އެ އިދާރާއަށް ލިބުނީ މިއަދު އިރުއޮއްސި 18:18 ހާއިރު ކަމަށެވެ. ކަޅުހުރާ މަގު ގެއެއްގެ ދޮރުމަތީގައި މީހަކު ވެއްޓިފައި އޮތްކަމުގެ ރިޕޯޓު ލިބުމާއެކު، ފުލުހުން އެ ސަރަހައްދަށް ގޮސް އެ މީހާ ހޮސްޕިޓަލަށް ގެންދިއުމުގެ ކަންކަން ކުރިއަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މި ހާދިސާގައި އަނިޔާވެފައި އޮއްވާ ފެނުނު ބިދޭސީ މީހާގެ ސިއްހީ ހާލަތާ ގުޅޭ އިތުރު ތަފްސީލެއް ހޮސްޕިޓަލުން އަދި ހާމަކޮށްފައެއް ނުވެއެވެ. މީގެ އިތުރުން، އެ މީހާއަށް އެ ހާލަތު މެދުވެރިވި ސަބަބެއް އަދި ސާފުވެފައި ނުވާއިރު، ފުލުހުން އަންނަނީ މި މައްސަލަ އިތުރަށް ބަލަމުންނެވެ.
