ބައިނަލްއަގްވާމީ ސިއްހަތާ ބެހޭ ދުވަހުގެ މުނާސަބަތުގައި، ދުޅަހެޔޮ މުޖުތަމައެއް ބިނާކުރުމަށް ސައިންސާއި ހޯދުންތަކުގެ މައްޗަށް ބިނާވެފައިވާ ހައްލުތަކުގެ މުހިންމުކަން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުހައްމަދު މިއަދު ފާހަގަކުރައްވައިފިއެވެ. އެކަމަނާ ވިދާޅުވީ، ހެކިތަކުގެ މައްޗަށް ބިނާކޮށް ހޯދޭ ސިއްހީ ހައްލުތަކަކީ އެތައް މިލިއަން ފުރާނައެއް ސަލާމަތްކޮށްދޭ ކަމެއް ކަމަށެވެ.

މެޑަމް ސާޖިދާގެ މެސެޖުގައި، މޫސުމީ ބަދަލުތަކާއި، ބޭހަށް ނުގުޑާ ބަލިތައް (އެންޓިމައިކްރޯބިއަލް ރެސިސްޓެންސް) ފަދަ ސިއްހީ ބޮޑެތި ގޮންޖެހުންތަކުން ސަލާމަތްވުމަށް ބައިނަލްއަގްވާމީ ފެންވަރުގައި ގުޅިގެން މަސައްކަތްކުރުމަށް ގޮވާލެއްވިއެވެ. އަދި ދުޅަހެޔޮ މުސްތަގުބަލެއް ބިނާކުރުމަށްޓަކައި އިލްމު ކުރިއެރުވުމާއި، ސިއްހީ ދިރާސާތަކަށް އިންވެސްޓްކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއްކަން އެކަމަނާ ފާހަގަކުރެއްވިއެވެ.

ސިއްހީ ދާއިރާގެ ކުރިއެރުމަށް މަސައްކަތްކުރާއިރު، ދުޅަހެޔޮ ދިރިއުޅުމުގެ އާދަތައް މުޖުތަމައުގައި އަށަގަންނުވަން ޖެހޭކަމަށްވެސް މެޑަމް ސާޖިދާ ވިދާޅުވިއެވެ. އެކަމަނާގެ މެސެޖު ނިންމަވާލެއްވީ، އެންމެން ގުޅިގެން މަސައްކަތްކޮށްފިނަމަ ކޮންމެ މީހަކަށްވެސް ފާގަތި ދިރިއުޅުމެއް އުޅުމުގެ ފުރުސަތު އޮތް މުސްތަގުބަލެއް ބިނާކުރެވޭނެ ކަމުގެ އުންމީދާ އެކުގައެވެ.