ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ދޭ ސްޕޯޓްސް ސްކޮލަރޝިޕް މިފަހަރު ލިބޭ އެތުލީޓަކަށް ރާއްޖޭގެ ހުނަރުވެރި ސާފަރު ސައްޔިދު ހޮވައިފިއެވެ. މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ) އާއެކު ވެފައިވާ އެއްބަސްވުމެއްގެ ދަށުން ދޭ މި ސްކޮލަރޝިޕަކީ ރާއްޖޭގެ އެތުލީޓުންގެ ހުނަރު ބައިނަލްއަގުވާމީ ފެންވަރަށް ކުރިއެރުވުމަށް ބޭންކުން ދޭ ހާއްސަ ފުރުސަތެކެވެ.

މި ސްކޮލަރޝިޕްގެ ދަށުން ސައްޔިދު ތަމްރީނު ހޯދުމަށް ޗައިނާ، ފިލިޕީންސް އަދި އިންޑޮނޭޝިއާ އަށް ދިއުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން އޮސްޓްރޭލިއާގައި ބާއްވާ މުބާރާތެއްގައި ބައިވެރިވުމުގެ ފުރުސަތު ވެސް އޭނާއަށް ލިބޭނެއެވެ. ބޭންކުން ހުރިހާ ހަރަދެއް ފޯރުކޮށްދޭ މި ސްކޮލަރޝިޕްގެ ދަށުން، ތަމްރީނުތަކާއި މުބާރާތްތަކަށް ބޭނުންވާ ސާމާނު ވެސް ފޯރުކޮށްދޭނެ ކަމަށް ބީއެމްއެލް އިން ބުނެއެވެ.

ބީއެމްއެލް އިން ދަނީ ރާއްޖޭގެ އެކި ކުޅިވަރުތައް ކުރިއެރުވުމަށް ގައުމީ އެސޯސިއޭޝަންތަކާ ގުޅިގެން ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މިގޮތުން މިހާތަނަށް ޖުމްލަ 8 އެތުލީޓަކަށް މި ސްކޮލަރޝިޕްގެ ދަށުން ބޭރުގެ ހައި ޕާފޯމަންސް ސެންޓަރުތަކުގައި ތަމްރީނުވުމުގެ ފުރުސަތު ދީފައިވެއެވެ. ކުޅިވަރު ތަރައްގީކުރުމަށް ބޭންކުން ކުރާ މަސައްކަތުގެ އަގުވަޒަންކޮށް، މޯލްޑިވްސް ސްޕޯޓްސް އެވޯޑްސްގައި ބޭންކަށް ވަނީ ހާއްސަ އެވޯޑެއް ވެސް ލިބިފައެވެ.