މިހާރު ކުރިއަށްދާ ކޮޕާ އެމެރިކާ ފުޓްބޯޅަ މުބާރާތުގައި މިއަދު ކުޅުނު ސެމީ ފައިނަލްގެ ދެވަނަ މެޗުގެ ފުރިހަމަވަގުތު ހަމަވިއިރު ދެ ޓީމު 1-1 އިން އެއްވަރުވުމުން، ޕެނަލްޓީޖަހައިގެން ކޮލަމްބިއާ 3-2 އިން ބަލިކޮށް އާޖެންޓީނާ އިން ފައިނަލުން ޖާގަ ހޯދައިފިއެވެ.
މިއީ ވޭތުވެދިޔަ ހަ އަހަރުގެ ތެރޭގައި ކޮޕާ އެމެރިކާގެ ފައިނަލަށް އާޖެންޓީނާ ދަތުރުކުރި ތިންވަނަ ފަހަރެވެ. މީގެކުރީން، 2015 އާއި 2016 ވަނަ އަހަރުގެ މުބާރާތުގެ ފައިނަލްގައި އެ ޓީމު ބަލިވީ ޗިލީ އަތުން ޕެނަލްޓީޖަހައިގެންނެވެ. އެ ޓީމު އެންމެ ފަހުން މި މުބާރާތް ކާމިޔާބުކުރީ 1993 ވަނަ އަހަރުގައެވެ.
އެސްޓާޑިއޯ ނެސިއޮނާލް ޑެ ބްރެސިލިއާގައި ރޭ ކުޅުނު މި މެޗު ފެށިގެން ހަތްވަނަ މިނެޓުގައި އާޖެންޓީނާ އިން ލީޑްނެގީ ލޮޓާރޯ މާޓީނޭޒް ކާމިޔާބުކުރި ގޯލުންނެވެ. މިއީ އެ ޓީމުގެ ކެޕްޓަން ލިއޮނަލް މެސީ ދިން ބޯޅައަކުން މާޓިނޭޒް ކާމިޔާބުކުރި ގޯލެކެވެ. ފުރަތަމަ ހާފުގައި ކޮލަމްބިއާ އަށް އެއްވަރުކޮށްދޭން ލިބުނު އެންމެ ރަނގަޅު ފުރުޞަތުގައި ޔުވެންޓަސްގެ ވިންގާ ހުއާން ކުއާޑްރާޑޯ ފޮނުވާލި ބޯޅަ އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް މަތަކުރިއެވެ.
ދެވަނަ ހާފުގައި ކޮލަމްބިއާ އިން ނަތީޖާ ހަމަހަމަކުރަން ކުރި މަސައްކަތުގެ ތެރެއިން، އެ ޓީމުގެ ވިލްމާ ބެރިއޯސް އާއި ޔެރީ މިނާ ފޮނުވާލި ހަމަލާތައް އަމާޒުވީ ގޯލްގެ ދަނޑިއަށެވެ. ކޮލަމްބިއާ އިން އެއްވަރުކުރި ލަނޑުޖެހީ މެޗުގެ 61 ވަނަ މިނެޓުގައި ލުއިސް ޑިއާޒް އެވެ. މިއީ އެ ޓީމުގެ އެޑްވިން ކާޑޯނާ ދިން ރީތި ޕާހަކުން ލިބުނު ބޯޅައެއްގައި ވަރަށް ހަނި އޭންގަލަކުން ޑިއާޒް ކާމިޔާބުކުރި ގޯލެކެވެ.
އާޖެންޓީނާ އަށް އަލުން ލީޑްނަގައިދޭން އެންހެލް ޑި މާރިއާ ދިން ޕާހަކުން މާޓިނޭޒް ފޮނުވާލި ބޯޅަ ކޮލަމްބިއާގެ ބެރިއޯސް ވަނީ ގޯލްގެ ރޮނގުމަތީން ސަލާމަތްކޮށްފައެވެ. އޭގެފަހުން، މެސީ ފޮނުވާލި ބޯޅައެއް ގޯލްގެ ހުރަސްދަނޑިއަށް އަމާޒުވިއިރު، ދެވަނަ ފަހަރަށް އެ ބޯޅަ ފޮނުވާލުމުގެ ކުރީން ކޮލަމްބިއާގެ ޑިފެންޑަރު ޑެވިންސަން ސަންޗޭޒް ވަނީ ދިފާއުކޮށްފައެވެ.
ޕެނަލްޓީ ޝޫޓްއައުޓްގައި ކޮލަމްބިއާ އިން ފޮނުވާލި ފަސް ޕެނަލްޓީގެ ތެރެއިން ކާމިޔާބުކުރެވުނީ ދެ ޕެނަލްޓީ އެވެ. ކޮލަމްބިއާ އަށް ޕެނަލްޓީ ކާމިޔާބުކޮށްދިނީ ކުއާޑްރާޑޯ އާއި މިގުއެލް ބޯރްހާ އެވެ. ސަންޗޭޒް އާއި މިނާ އަދި ކާޑޯނާ ފޮނުވާލި ޕެނަލްޓީތައް އާޖެންޓީނާގެ ކީޕަރު މާޓިނޭޒް މަތަކުރިއެވެ. އާޖެންޓީނާ އިން ފޮނުވާލި ހަތަރު ޕެނަލްޓީގެ ތެރެއިން ނާކާމިޔާބުވީ ރޮޑްރީގޯ ޑެ ޕޯލްގެ ޕެނަލްޓީ އެކަންޏެވެ. އެ ޓީމުގެ ކެޕްޓަން މެސީ އާއި ލެއަންޑްރޯ ޕަރެޑޭސް އަދި މާޓިނޭޒް ފޮނުވާލި ޕެނަލްޓީތައް ކާމިޔާބުކުރިއެވެ.
މި ފަހަރުގެ ކޮޕާ އެމެރިކާގެ ފައިނަލްގައި އާޖެންޓީނާއާ ދެކޮޅަށް ބްރެޒިލް ކުޅޭ މެޗު އޮންނާނީ ޖުލައި 11 ވާ އާދީއްތަ ދުވަހުގައެވެ. މި މުބާރާތުގެ ތިންވަނަ ހޮވާ މެޗުގައި ކޮލަމްބިއާ ނިކުންނާނީ ޕެރޫއާ ދެކޮޅަށެވެ. މި މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ ހޮނިހިރު ދުވަހު އެވެ.
