މާފަންނު ފިހާރައެއްގެ ތެރޭގައި ތޫނު އެއްޗެހިން ހަމަލާދީ މުހައްމަދު އަހުމަދުދީދީ މަރާލި މައްސަލާގައި ދައުވާކުރި އިބްރާހިމް ފައިހް ނިޒާމާއި ސިރުހާން އަލީގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ. މިދިޔަ ބުރާސްފަތި ދުވަހު ކުރި މި ހުކުމުގައި ބުނެފައިވަނީ ދައުލަތުން ހުށަހެޅި ހެކިތަކުގެ ސިލްސިލާގައި ހުރި ހުސްކަންކަމުގެ ސަބަބުން، ދައުވާލިބޭ ފަރާތްތަކަކީ ކުށެއް ނެތް މައުސޫމް ބަޔަކަށް ވުމުގެ އިހްތިމާލު އޮތް ކަމަށެވެ.

ކޯޓުގެ ހުކުމުގައި ފާހަގަކޮށްފައިވާ ގޮތުގައި، ދައުލަތުން ހުށަހެޅި ވީޑިއޯ ފުޓޭޖްތަކުން ހަމަލާދިން މީހުންނަކީ ދައުވާލިބޭ ދެ މީހުންކަން ކަށަވަރުކޮށް ނުދެވޭއިރު، އެއް ވީޑިއޯއެއްގެ ޓައިމް ސްޓޭމްޕްގައި އޮތީ 2000 ވަނަ އަހަރުގެ ތާރީހެކެވެ. މީގެ އިތުރުން، ފިހާރަ ތެރެއިން ފެނުނު ޑީއެންއޭ އާއި ފިންގަރޕްރިންޓަކީ އެ ހާދިސާ ހިނގި ވަގުތު އެތަނަށް ނަގުލުވި އެއްޗެއްކަން ކަށަވަރުނުވާ ކަމަށާއި، އެތަނުން ކާކުކަން ނޭނގޭ އިތުރު ބައެއްގެ ނިޝާންތައް ފެނިފައިވާތީ އެކަމުގައި ތިންވަނަ ފަރާތެއްގެ ބައިވެރިވުން އޮތުމުގެ ފުރުސަތު އޮތްކަމަށް ގާޒީ އިބްރާހިމް އިހްސާން ފާހަގަކުރެއްވިއެވެ.

މި މައްސަލާގައި ދައުލަތުން ހުށަހެޅީ ހަމައެކަނި ގަރީނާތަކެއް ކަމަށާއި، ސީދާ ހެކިބަހެއް ލިބެން ނެތްއިރު ހެކީގެ ޗޭނުގެ ބޮޅުތައް ގުޅުވާލެވިފައި ނުވާކަމަށް ހުކުމުގައިވެއެވެ. އަދި ދައުވާލިބޭ މީހުން އެ ވަގުތު އެތަނުގައި ނެތްކަމުގެ ދިފާއުގައި ހުށަހެޅި ހެކިތަކަށް ބާރު ލިބޭތީއާއި، ހެކިތަކާ މެދު އުފެދުނު ޝައްކުތަކުގެ ސަބަބުން ދެ މީހުންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކޯޓުން ވަނީ ކަނޑައަޅާފައެވެ.