އުރީދޫ ފިންޓެކް މޯލްޑިވްސްގެ އެމްފައިސާ މެދުވެރިކޮށް ޕެޓްރޯލް އަޅާ ކަސްޓަމަރުންނަށް ހާއްސަ ކޭޝްބެކް ޕްރޮމޯޝަނެއް މިއަދު ފަށައިފިއެވެ. މި ޕްރޮމޯޝަންގެ ދަށުން އެމްފައިސާ ބޭނުންކޮށްގެން 50 ރުފިޔާގެ ޕެޓްރޯލް އަޅާ ކަސްޓަމަރުންނަށް 20 ރުފިޔާގެ ކޭޝްބެކް ސީދާ އެމްފައިސާ ވޮލެޓަށް އަނބުރާ ލިބޭނެއެވެ. މި ފުރުސަތު ލިބޭނީ މާލެ އަދި ހުޅުމާލޭގެ އެފްއެސްއެމް (FSM) އަދި ހޯކްސްގެ ތެޔޮ އަޅާ ޝެޑުތަކުންނެވެ.
އުރީދޫން ބުނި ގޮތުގައި މި ޕްރޮމޯޝަން ތައާރަފްކުރީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލެމުންދާ ދަނޑިވަޅެއްގައި، ކަސްޓަމަރުންގެ ޒަރޫރީ ހަރަދުތަކަށް ލުޔެއް ހޯދައިދިނުމުގެ މަގުސަދުގައެވެ. މިގޮތުން 50 ރުފިޔާގެ ޕެޓްރޯލް އެޅުމުން އިތުރު ލީޓަރެއްގެ އަގު ކަސްޓަމަރުގެ ވޮލެޓަށް އަނބުރާ ލިބިގެންދާނެއެވެ. މިއީ ޑިޖިޓަލް ދިރިއުޅުމުގެ ވައްޓަފާޅި ކުރިއަރުވައި، ފިންޓެކް ހިދުމަތްތައް އާންމުކުރުމަށް އެ ކުންފުނިން ކުރާ މަސައްކަތުގެ ބައެކެވެ.
އެމްފައިސާގެ ހިދުމަތް ބޭނުންކުރުމަށް އުރީދޫ ސުޕައެޕް މެދުވެރިކޮށް ފަސޭހަކަމާއެކު ރަޖިސްޓްރީ ކުރެވޭނެއެވެ. ދިވެހިންނަށް އައިޑީކާޑުގެ ދެފަރާތުގެ ފޮޓޯއާއެކު ރަޖިސްޓްރީ ވެވޭއިރު، ބިދޭސީންނަށް ޕާސްޕޯޓާއި ވޯކްޕާމިޓް ހުށަހަޅައިގެން މި ހިދުމަތް ހޯދޭނެއެވެ. އުރީދޫ ފިންޓެކުން ބުނީ މިއީ ކަސްޓަމަރުންގެ ފައިސާ ސަލާމަތްކޮށްދޭނެ ރައްކާތެރި އަދި ފަސޭހަ ޑިޖިޓަލް ހައްލެއް ކަމަށެވެ.
