ރަށެއްގައި ކުޑަކުއްޖަކަށް އަނިޔާކުރި މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ. ފުލުހުން ބުނީ މިދިޔަ އޭޕްރީލް މަހުގެ 6 ވަނަ ދުވަހުގެ ރޭ ފުލުހުންނަށް ހުށަހެޅި މި މައްސަލަ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. މި މައްސަލައިގެ ތަހުގީގަށް ފެމިލީ އެންޑް ޗައިލް ޕްރޮޓެކްޝަންގެ ހާއްސަ ޓީމެއް މިހާރު ދަނީ އެ ރަށުގައި ހަރަކާތްތެރިވަމުންނެވެ.

ފުލުހުން ބުނީ މި ހާދިސާއާ ގުޅިގެން ސޯޝަލް މީޑިއާގައި ހަގީގަތާ ހިލާފު ވާހަކަތަކެއް ފެތުރެމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އެހެންކަމުން، ކަން ހިނގައިދިޔަ ގޮތް އޮޅޭ ފަދަ ނުވަތަ އާންމުންގެ މެދުގައި ކަންބޮޑުވުން އިތުރުވާ ފަދަ މައުލޫމާތު ނުފެތުރުމަށާއި، ކަށަވަރުނުވާ މައުލޫމާތަށް ބަރޯސާނުވުމަށް ފުލުހުންގެ އޮފީހުން ބުންޏެވެ.. އަދި މި މައްސަލައާ ގުޅޭގޮތުން ދޮގު ވާހަކަ ނުފެތުރުމަށް މީޑިއާތަކަށް ވެސް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.

މި މައްސަލައިގައި އަނިޔާ ލިބުނު ކުއްޖާގެ ކަރާމާތާއި ހައްގުތަކަށް އިހުތިރާމްކުރުމަށް ފުލުހުން ވަނީ އެދިފައެވެ. ފުލުހުން ބުނީ "މި މައްސަލައިގައި ހިމެނޭ އަނިޔާ ލިބުނު ފަރާތަކީ ކުޑަކުއްޖަކަށް ވުމާއެކު، އެ ކުއްޖާގެ ޒާތީ މައުލޫމާތު ހިފެހެއްޓުމަށް ހާއްސަ ސަމާލުކަމެއް ދޭންޖެހޭ" ކަމަށެވެ. ސީދާ ގޮތުން ނުވަތަ ނުސީދާ ގޮތުން ވިޔަސް ކުއްޖާ އަކީ ކާކުކަން އެނގިދާނެ ފަދަ އެއްވެސް މައުލޫމާތެއް ނުވަތަ އިތުރު ގެއްލުމެއް ލިބިދާނެ ފަދަ އެއްވެސް އެއްޗެއް ހިއްސާނުކުރުމަށް ފުލުހުން އެދެއެވެ.