މިދިޔަ ހޮނިހިރު ދުވަހު ބޭއްވި އިންތިހާބަށްފަހު، ތަކެތީގެ އަގު ބޮޑުކުރަން އުޅޭ ކަމަށް ދެކެވޭ ވާހަކަތައް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ދޮގުކުރައްވައިފިއެވެ. ކާރިސާ ކޮމިޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، އިންތިހާބަށްފަހު އަގުތައް އުފުލޭނެ ކަމަށް ބައެއް ސިޔާސީ ފަރާތްތަކުން ދައްކަނީ ހަގީގަތާ ހިލާފު ސިޔާސީ ވާހަކަތަކެއް ކަމަށެވެ.

މިނިސްޓަރު ސައީދު ވިދާޅުވީ، ރައްޔިތުންގެ އަސާސީ ބާވަތްތައް އަގުބޮޑު ކުރުމަކީ މި ސަރުކާރުގެ ވިސްނުމެއް ނޫން ކަމަށާއި، އެއީ ސަރުކާރުން އިސްކަންދޭ ކަމެއް ވެސް ނޫން ކަމަށެވެ. "އިލެކްޝަން ނިމުނީމަ ވަކި ބާވަތެއްގެ ތަކެތި އަގުބޮޑު ކުރަނީއޭ ކިޔައިގެން ދެކެވޭ ވާހަކައަކީ އަޅުގަނޑަކަށް ހިއެއް ނުވޭ ރަނގަޅު ވާހަކައެއް ހެނެއް،" މިނިސްޓަރު ވިދާޅުވިއެވެ. އޭނާ އިތުރަށް ފާހަގަކުރެއްވި ގޮތުގައި މިފަދަ ވާހަކަތަކަކީ މާކެޓުގެ ހާލަތާ ގުޅުންހުރި ވާހަކަތަކެއް ނޫނެވެ.

އެހެންނަމަވެސް، ދުނިޔޭގެ ބާޒާރަށް އަންނަ ބަދަލުތަކުގެ ސަބަބުން ބައެއް ތަކެތީގެ އަގަށް އަސަރުކޮށްފާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ހާއްސަކޮށް މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން، ތެލާއި ގޭސް ހިމެނޭ ގޮތަށް ބައެއް ބާވަތްތަކުގެ އަގަށް ބަދަލު އައުމަކީ އެކަށީގެންވާ ކަމެއް ކަމަށް މިނިސްޓަރު ސައީދު ފާހަގަކުރެއްވިއެވެ.