މާޗު މަސް ފެށުނުއިރު ރާއްޖެއަށް ދުވާލަކު ވިހި ފްލައިޓް ކެންސަލްވަމުން ދިޔަ ނަމަވެސް، މިހާރު އެ އަދަދު ސޯޅައަށް ތިރިވެފައިވާ ކަމަށް މިނިސްޓަރު ތޯރިގު އިބުރާހިމް ހާމަކުރައްވައިފިއެވެ. ދައުލަތުގެ މީޑިއާ މެދުވެރިކުރައްވައި މިކަން ހާމަކުރައްވަމުން މިނިސްޓަރު ވިދާޅުވީ، ފްލައިޓްތައް ކެންސަލްވާ މިންވަރު ދަށްވާން ފެށުމަކީ ދަތުރުފަތުރުގެ ނިޒާމަށް ލިބެމުންދާ ކުރިއެރުމެއް ކަމަށެވެ. މިއީ މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން އުފައްދާފައިވާ ހާއްސަ ކޮމިޓީން ބެލި ބެލުމުން ފާހަގަކުރެވުނު ކަމެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ތަފާސްހިސާބުތަކަށް ބަލާއިރު، ނިމިދިޔަ މާޗު މަހުގެ ތެރޭގައި ޖުމްލަ 525 ފްލައިޓް ކެންސަލްވެފައިވާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ. ފްލައިޓްތައް ކެންސަލްވުމަކީ ޓޫރިޒަމަށާއި އާންމު ދަތުރުފަތުރަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވާ ކަމަކަށްވީތީ، ސަރުކާރުން ދަނީ މި މައްސަލަ ހައްލުކޮށް ފްލައިޓްތައް ބަރާބަރަށް ބޭއްވުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މި މަސައްކަތްތައް ކުރިއަށްދަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިރުޝާދުގެ ދަށުންނެވެ.
މިނިސްޓަރު ތޯރިގު އިބުރާހިމް ވިދާޅުވީ، ފްލައިޓްތައް ކެންސަލްވުމުގެ ސަބަބުން މިދިޔަ އަހަރުގެ މާޗު މަހާ އަޅާ ބަލާއިރު މިއަހަރު ރާއްޖެއަށް ޒިޔާރަތް ކުރި ޓޫރިސްޓުންގެ އަދަދު 20.7 ޕަސަންޓު ދަށަށް ގޮސްފައިވާ ކަމަށެވެ. އެގޮތުން މިދިޔަ އަހަރު މާޗު މަހު ދުވާލަކު އެވަރެޖްކޮށް 6،563 ޓޫރިސްޓުން ރާއްޖެއަށް އައިއިރު، މިއަހަރުގެ އެ އަދަދު ހުރީ 5،374 ގައެވެ.
