މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާ ގުޅިގެން، ރާއްޖެއަށް ސިމެންތި ލިބުމުގައި އެއްވެސް ދަތިކަމެއް ނާންނާނެ ކަމުގެ ޔަގީންކަން އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ދެއްވައިފިއެވެ. ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު ވިދާޅުވީ، ސިމެންތި ލިބުމުގައި ދަތިތަކެއް ހުރިކަމުގެ ކަންބޮޑުވުންތަކެއް ލިބުމާ ގުޅިގެން، އެކަން ހައްލުކުރުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ.
މިނިސްޓަރު ސައީދު ފާހަގަކުރެއްވި ގޮތުގައި، އެސްޓީއޯއަށް ކުރިން ސިމެންތި ގެންނަ މާކެޓުން މިހާރުވެސް ސިމެންތި ލިބެމުންދެއެވެ. ނަމަވެސް، އެ މާކެޓަށް އެއްވެސް ދަތިކަމެއް އަތުވެދާނެ ހާލަތަކަށް ތައްޔާރުވުމުގެ ގޮތުން، އިތުރު ހަތަރު ސަޕްލަޔަރުން މިހާރު ވަނީ ގާއިމްކޮށްފައެވެ. "އެކަން އަޅުގަނޑުމެންގެ ފޮރިން މިނިސްޓްރީން އަޅުގަނޑުމެންނާ އެކުވެރި ގައުމުތަކާއެކު ކުރެއްވި މަސައްކަތުގެ ތެރެއިން މިހާރު ވަނީ ހަމަޖެހިފަ،" މިނިސްޓަރު ވިދާޅުވިއެވެ.
ސިމެންތީގެ އިތުރުން ކޮންސްޓްރަކްޝަން އިންޑަސްޓްރީއަށް ބޭނުންވާ އެހެނިހެން ސާމާނު ލިބުމުގައި ވެސް އެއްވެސް ދަތިކަމެއް ނާންނާނެކަން ކަށަވަރު ކުރުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ. މިނިސްޓަރު ވިދާޅުވި ގޮތުގައި، މިހާރު ހަމަޖެހިފައިވާ އާ މާކެޓުތަކާއެކު ސިމެންތި ސަޕްލައި އޮތީ "ރެޑީ" ގައެވެ. އެހެންކަމުން ބިނާރާ ބެހޭ މަސައްކަތްތަކަށް ބޭނުންވާ މެޓީރިއަލްސް ހޯދުމުގައި އެއްވެސް ހުރަހެއް ނެތް ކަމަށް ސަރުކާރުން ބުންޏެވެ.
